ދުނިޔެ

އެޕަލުން އަނެއްކާވެސް މޮޅު އެހެންކަމެއް، ރޮބޮޓެއް އުފައްދަނީ

އެޕަލުން ކަރަންޓް ކާރެއް އުފައްދަން ކުރި މަސައްކަތް މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެއީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެޕަލްގެ ޒާތަށް ބަލާއިރު ކަމެއް -- އާ އުފެއްދުމެއް ދޫކޮށްލާނީ އެ ކުންފުނިން ބޭނުންވާ ފެންވަށް އުފެއްދެން ނެތް ހާލެއްގައެވެ.

އެޕަލުން މިހާތަނަށް އުފެއްދި ކޮންމެ ޑިވައިސް އަކީ މާސްޓާޕީސް އެކެވެ. އެއާ އެއްވަރުގެ އެހެން އެއްޗެއް ނެތް ވަރުގެ އާލާތްތަކެކެވެ.

އެޕަލްގެ އައިފޯނަކީ އޭގެ ޒާތުގައި -- ހިދުމަތްތަކަށް ބަލާއިރު، ދެމެހެއްޓެނިވި ގޮތުގައި އެއާ އެއްވަރުގެ ސްމާޓްފޯނެއް ނެތް ވަރުގެ ފޯނެކެވެ. އެޕަލް ވޮޗް، އައިޕެޑް އަދި އިއާޕޮޑް އަކީ ވެސް ވާދަވެރި ސިނާއަތުގައި ވާދަވަރިންނަށް ވާދަނުކުރެވޭ ވަރުގެ އާލަތްތަކެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަރަންޓް ކާރު އުފެއްދުމުގެ ހިޔާލު ދޫކޮށްލުމަށްފަހު އެޕަލުން މިހާރު ވިސްނަނީ ގޭތެރޭގައި، އަތްގައިކޮށްދޭން ބޭނުންކުރާނެ ރޮބޮޓެއް އުފެއްދުމަށެވެ.

އެޕަލުން ރޮބޮޓިކްސްގެ ތެރެއަށް ވަންނަނީ ބުނެވޭ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ގޮވައިގެންނެވެ. މާނަ އަކީ އެޕަލުން ރޮބޮޓެއް އުފައްދައިފި ނަމަ އެ ވާނީ އިންސާނުންގެ އިހްސާސްތައް ދެނެގަނެ، ބޭނުންވާ ކަމެއް ކޮށްދޭ ވަރުގެ ކުޅަދާނަ ރޮބޮޓަކަށެވެ.

ގެވެހި ރޮބޮޓެއް އުފައްދަން އެޕަލުން ވިސްނަނީ ކޮން ގޮތަކަށްކަން، އެއްގޮތަކަށްވެސް ސާފެއް ނޫނެވެ. ހަމައެކަނި އެނގޭ އެއްޗަކީ ރޮބޮޓެއް އުފައްދަން މަސައްކަތް ފަށާފައިވާ ކަމެވެ.

މި ރޮބޮޓަކީ ބުނެވޭ ގޮތުގައި ޓެބްލެޓުން އަދި ފޯނުން ވެސް ކޮންޓްރޯލް ކުރެވޭ ރޮބޮޓަކަށް ވާނެ އެވެ. ގޭތެރޭގައި އުޅޭ އާދައިގެ މީހެއް ފަދައިން ތަކެތި އުނގެނި އަދި އިންސާނުންގެ އާދައިގެ ބަހުރުވަ ދެނެގަންނަ ރޮބޮޓަކަށް ވާނެ ކަަމަށްވެސް ބުނެވެ އެވެ.

އެޕަލުން ވިސްނާ ފެންވަރަށް ރޮބޮޓެއް އުފެއްދުމަށްޓަކައި, އެޕަލް ކާރުގައި ހިމަނާ ގޮތަށް ކުރިން ވިސްނި ބައެއް ޓެކްނޮލޮޖީ -- ރޭޑާ އަދި ލައިޑާ ޑިޓެކްޝަން ބޭނުންކުރާ ކަމަށްވެސް ވާހަކަތައް އިވެ އެވެ.

ރޭޑާ – "ރޭޑިއޯ ޑިޓެކްޝަން އެންޑް ރޭންޖިން" އެވެ. ރޭޑާ ޓެކްނޮލޮޖީ އެއާޕޯޓްތަކުގައި ބޭނުންކުރަނީ މަތިންދާބޯޓް އޮންނަ ދުރުމިން، އުސްމިން އަދި ދުވެލި ދެނެގަތުމަށެވެ. މިއަށް ވުރެ ގިނަ ބޭނުންތައް ވެސް ހުރެ އެވެ.

ލައިޑާ – "ލައިޓް ޑިޓެކްޝަން އެންޑް ރޭންޖިން" އެވެ. މި ޓެކްނޮލޮޖީގެ މައިގަނޑަކީ އައްޔެވެ. ލޮލަށް ނުފެންނަ ލައިޓް ބީމްތަކުން މަގު ހޯދުމާއި ދުރުމިން ދެެނެގަތުން ފަދަ ހިއްސުތަކަށް މަގު ތަނަވަސްކޮށްދެ އެވެ.