ދުނިޔެ

އެއާޕޮޑަކާ ހެދި ކޮންވޭޔާ ބެލްޓެއްގައި ތާށިވެ މަރުވެއްޖެެ

ޖޯޖިއާގައި ކްލަބް ކާރު ނުވަތަ ގޮލްފް ކާރު އުފައްދާ ކާރުހާނާއެއްގައި މަސައްކަތްކުރި އެލިއްސާ ޑްރިންކާޑް ނަމަކަށް ކިޔާ 21 އަހަރުގެ އަންހެނަކު -- އޭނާ ބޭނުންކުރި އެޕަލް އެއާޕޮޑް ހޯދަން އުޅުމުގެ ތެރޭގައި، ކޮންވޭޔާ ބެލްޓެއްގައި ތާށިވެ ފިތިގެން މަރުވެއްޖެ އެވެ.

އެލިއްސާއާ އެކު ޑިއުޓީގައި އުޅުނު ޑިއުޓީ ބައިވެރިޔާ ފުލުހުންނަށް ކިޔައިދިން ގޮތުން އެލިއްސާ މަރުވާން ދިމާވި ސަބަބަކީ ކްލަބް ކާރުގެ ބައިތައް އުފައްދާ ކޮންވޭޔާ ބެލްޓެއް ދޮށުގައި އުޅެނިކޮށް ވެއްޓުނު އެއާޕޮޑް ހޯދަން ބެލްޓެއްގެ ދަށަށް ވަނުމެވެ.

އެއާޕޮޑް ވެއްޓުމާ އެކު ދެން އެހެން އެއާޕޮޑެއް ގަންނާނީ ކަމަށް ބުނެފައި އިރުކޮޅެއް ނުވެ ފެނުނީ ބެލްޓްގައި ތާށިވެފައި އޮއްވާ ކަމަށް ޑިއުޓީ ބައިވެރިޔާ ކިޔައިދިނެވެ.

ކޮންވޭޔާ ބެލްޓްގައި ހަމަޖެހުނު ތަނާހެން ވަރަށް ބާރަށް ދަމައިގަތް ކަމަށް ފުލުހުންނަށް އޭނާ ކިޔައިދިނެވެ.

އެލިއްސާ އޮތީ އަމިއްލައަށް ސަލާމަތް ނުވެވޭ ހާލުގައި އަދި އެހެން މީހަކަށް އެހީވެސް ނުވެވޭ ހާލަތެއްގައި ކަމަށް ފުލުހުންނަށް ދިން ބަޔާނުގައި ޑިއުޓީ ބައިވެރިޔާ އޮތީ ބުނެފަ އެވެ.

އޭނާ ބުނީ އެލިއްސާ ސަލާމަތްކުރަން މެޝިން ނިއްވާލަން ވަގުތުތަކެއް ހޭދަވި ކަމަށާއި ބެލްޓް ހުއްޓުމުން ގޮސް ބެލިއިރު ވިންދު ހުރި ކަމަށެވެ.

އެލިއްސާ މަރުވީ އެމެޖެންސީ ހާލަތުގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. ހަބަރުތައް ބުނާ ގޮތުން އެއިރު އޭނާއަށް އޮތީ ވަަރަށް ބޮޑަށް އަނިޔާ ލިބި، ގައިގެ ބައިތައް ޗިސްވެފަ އެވެ.

ކާރުހާނާތަކުގައި މަސައްކަތްކުރާ ސިނާއީ މަސައްކަތްތެރިން ޑިއުޓީ ވަގުތުތަކުގައި ހެޑްފޯން ބޭނުންކުރުމާއި ސްމާޓްފޯން ބޭނުންކުރުމަކީ މަނާ ކަމެކެވެ. އަތުކުރި ގަޑި އާއި ކަރުގައި އަޅާ ކެވެލި އަދި ރޮދި ފަދަ ތަކެތި ބޭނުންކުރުމަކީ ވެސް މަނާ ކަމެކެވެ.

އެއީ ސްމާޓްފޯނާ ކުޅެން ހަދައިގެން އަދި ހެޑްފޯން އަޅައިގެން އެއްޗެއް އަޑުއަހަން ހުއްޓައި ވަށައިގެން އޮތް މާހަލުގައި ހިނގާ ކަމެއް އޭނާއަށް ނޭނގި ބޮޑު އަނިޔާއެއް ލިބިދާނެތީ އެވެ. އަދި ހެޑްފޯން ވާގަނޑު ތަނެއްގައި އަޅައިގެން ބޮޑު ގެއްލުމެއް ލިބިދާނެތީ އެވެ.