ކުރީގެ ސަރުކާރުން މާމިގިލީގައި އިންޓަނޭޝަނަލް ޕޯޓެއް ހަދަން މަސައްކަތް ފެށީ ކަމާ ގުޅޭ ގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމަށްފަހު ކަމަށް އެކަމުގައި އިސްކޮށް އުޅުއްވެވި ކުރީގެ އިކޮނޮކމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވެފައި މިވަނީ އެމްޕީއެލް އިން މާމިގިލީގައި ހިންގަމުން ގެންދިޔަ އިންޓަނޭޝަނަލް ޕޯޓުގެ އޮޕަރޭޝަން މިވަގުތަށް ހުއްޓާލާފައިވާ ކަން އެ ކުންފުނިން ހާމަކޮށްފައި ވަނިކޮށެވެ.
އަވަސް އަށް ރޭގެ ވަގުތެއްގައި ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ މާމިގިލި ބަނދަރުގެ ބައެއްގައި އިންޓަނޭޝަނަލް ޕޯޓެއް ހެދުމަށް ކުރީގެ ސަރުކާރުން ނިންމާފައިވަނީ ވިޔަފާރީގެ ގޮތުން ފައިދާ ވާނެ ގޮތްތަކެއް ބެލުމަށްފަހުގައި ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މިދިޔަ ދެ އަހަރު މާމިގިލި ބަނދަރަށް ގާތްކުރާނެ ބޯޓެއް ނުލިބި އެ ޕޯޓު ހިންގަމުން ދަނީ ބޮޑު ގެއްލުމެއްގައި ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ ބަނދަރުގެ މަސައްކަތްތައް މިވަގުތަށް "ސްކޭލްޑައުން" ކުރަން މިހާރު ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިވަގުތު ސްކޭލްޑައުން ކުރި ނަމަވެސް ދެން އަޅުގަނޑަށްވެސް ހީވަނީ އެ ބަނދަރުގެ މަސައްކަތް އެއްކޮށް ހުއްޓާލުމާ ދިމާލަށްހެން މިދެވެނީ. އެކަމަކު މިވަގުތު ހުއްޓާލީކީ ނޫން. ބޯޑުން ނިންމާފައި މިއޮތީ ގެއްލުން ވާތީ މިވަގުތަށް ސްކޭލްޑައުން ކުރަން،" މާމިގިލި ޕޯޓު ކުރިއަށް އޮތް ދުވަސްތަކުގައި އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމުގެ އިޝާރާތެއް ދެއްވަމުން ޝާހިދު ވިދާޅުވި އެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ވިލާ ގުރޫޕުން މާމިގިލީގައި ހަދާފައިވާ ބަނދަރުން ބައެއްގައި، ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއް ހެދި ކަމަށް ނިންމާ، ކުރީގެ ސަރުކާރުން އެ ބަނދަރު ހިންގަން އެމްޕީއެލްއާ ހަވާލުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ކުރީ ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ކޮންމެ އަހަރަކު ވެސް މާމިގިލީ ޕޯޓުން ދައުލަތަށް 8 މިލިއަން ރުފިޔާގެ ގެއްލުން ލިބެމުންދާ ކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން މަޝްވަރާތަކެއް ކުރެވުނު ޕޯޓްސްއާ އެކު އެތަން ސަކްސަސްފުލް ކުރެވިދާނެ ގޮތެއް އޮތްތޯ. އެކަމަކު އަދިވެސް އަޅުގަނޑުމެންނަކަށެއް ހިސާބު އަކުރުން އެއީ ކާމިޔާބު ގޮތަކަށް ހިންގި ދާނެ ތަނެއް ކަމަކަށް ނުފެނޭ މިވަގުތަކަށް. ދެން އެތާންގައި އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ޕްރައިވެޓް ޕާޓީސްއާ އެކު ވެސް ވާހަކަ ދެކެވުނު ޕޯޓް އޮޕަރޭޓް ކުރަން. އެހެެން ނަމަވެސް އެއީ މާ ކާމިޔާބު މަސައްކަތަކަށް ނުވި،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒާއި ޝާހިދުގެ ވާހަކަތަކާ ގުޅިގެން އަވަސް އިން ސުވާލުކުރުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި ބަނދަރުތަކާއި އެއާޕޯޓުތައް ހަދައި، ހިދުމަތް ދޭން ފަށާފައިވާނީ އެ މަސައްކަތްތައް ފެށުމުގެ ކުރިން ހަދަންޖެހޭ ކަމާ ގުޅޭ ދިރާސާތައް ހެދުމަށްފަހު ކަމަށެވެ.
މާމިގިލީގައި އިންޓަނޭޝަނަލް ޕޯޓެއް ހެދުމަށްފަހު އެތަން ހިންގަން އެމްޕީއެލްއާ ހަވާލުކޮށްފައި އޮންނާނީ ވެސް ކަމާ ގުޅިގެން ހަދަންޖެހޭ ހުރިހާ ދިރާސާއެއް ހެދުމަށްފަހު ކަމުގައި ވެސް ސައީދު ވިދާޅުވި އެވެ. އަދި މާމިގިލި ބަނދަރުން ވިޔަފާރީގެ ފައިދާ ހޯދޭނެކަން ކުރީގެ ސަރުކާރުގައި އޮންނާނީ ޔަގީންކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ސައީދު ވިދާޅުވީ މާމިގިލީ އިންޓަނޭޝަނަލް ޕޯޓަށް މިވަގުތު އިގްތިސޯދީ ގޮތުން ގެއްލުން ވަނީ ކޮވިޑާއި އަދި އެހެން ބައެއް ސަބަބުތަކާ ގުޅިގެން މިވަގުތު ރާއްޖޭގެ އިގްތިސާދު ހީނަރުވެފައި އޮތުމުން ކަމަށް ވެދާނެ ކަމަށެވެ. އެހެންނަމަވެސް މާމިގިލި ޕޯޓަކީ ފައިދާ ހޯދޭނެ ތަނެއް ކަމުގައި ސައީދު ގަބޫލުކުރައްވަ އެވެ.
ސައީދު އިތުރަށް ވިދާޅުވީ ގައުމުގެ އިގްތިސޯދީ ހާލަތު ދަށަށްގޮސް ދަރަނި އިތުރުވެގެންދާ މިހާލަތުގައި ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރަށް ގައުމުގައި މިހާރު ހުރި މައްސަލަތައް ހައްލުކޮށްދެވިދާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރެއްވޭ ކަމަށެވެ.
ވިލާ ގުރޫޕުން މާމިގިލީގައި ހަދާފައިވާ ބަނދަރުން ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގުމަށް ރައީސް ޔާމީންގެ ސަރުކާރުގައި އެމްޕީއެލްއާ ހަވާލުކުރީ ޖޫން 28، 2017 ގައެވެ.
މާމިގިލީ ބަނދަރުން، ވިޔަފާރި ބަނދަރެއް ހިންގުމަށް ބޭނުންކުރާނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށް އެމްޕީއެލުން އޭރު ބުންޏެވެ. އެ ނިންމުން ކުއްލި ގޮތަކަށް އޭރު އައީ ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމާއި ރައީސް ޔާމީންގެ ސަރުކާރާ ގުޅުން ކެނޑި، ގާސިމްގެ ވިޔަފާރިތަކަށް އަމާޒުކޮށް އޭރުގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން ދިއުމުގެ ތެރެއިން ކުރި ކަމެއްގެ ގޮތުގަ އެވެ.
ވިލާ ގުރޫޕުން މާގިލީގައި ހަދާފައިވާ އެއާޕޯޓާ އެކު ޒަމާނީ ފެންވަރަށް ހަދާފައިވާ ބަނދަރުގެ ދިގުމިނަކީ 670 މީޓަރެވެ. ކުރީ ސަރުކާރުން މާމިގިލީގައި ހަދާފައިވާ ބަނދަރުން ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގުމަށް އެމްޕީއެލްއާ ހަވާލުކުރީ އެރަށު ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް އަދި އެންގުމެއްވެސް ނެތި އެވެ.