ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހާލަތު ގޯސްވާނަމަ 40 ޕަސެންޓް މުވައްޒަފުން ކޮވިޑަށް ހާއްސަކުރަނީ

ކޮވިޑްގެ ހަލާތު އިތުރަށް ގޯސްވާނަމަ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ 40 ޕަސެންޓް މުވައްޒަފުން ކޮވިޑަށް ހާއްސަކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ލިޔުމުން ޖަވާބު ހޯދަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ މިނިސްޓަރު ދެއްވި ޖަވާބު އިއްވާފަ އެވެ.

ކޮވިޑް -19 ފެތުރެމުންދާ މިދަނޑިވަޅު ބައްޔަށް ފަރުވާ ދެވޭނެ ސިއްހީ ދާއިރާގެ ޕްރޮފެޝަނަލް މީހުން އެކަށީގެންވާ ވަރަށް އެބަތިބިތޯ ހައިތަމް ވަނީ މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ. ހަމަ އެހެންމެ ވެންޓިލޭޓަރާއި އޮކްސިޖަން އެބަހުރިތޯ ވެސް އައްސަވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ އާންމު ފަރުވާއާއި ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި 2460 މުވައްޒަފުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ހާލަތު އިތުރަށް ގޯސްވާނަމަ ހެލްތު ފޯސް 40 ޕަސެންޓް ކޮވިޑަށް ހާއްސަކޮށް އެހެން ފަރުވާތައް ޑައުންގްރޭޑް ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި ކޮވިޑް ކޭސްތައް ފެތުރެމުން ދިޔަ ނަމަވެސް ރަށު ފެންވަރުގައި މެނޭޖް ކުރެވޭ ކޭސްތައް އެރަށެއްގެ ކޭސް ވޯކަރުން ބޭނުންކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އަދި ރަށު ފެންވަރުގަައި ފަރުވާ ނުދެވޭ ހާލަތުގައި ސަރަހައްދީ ކޮވިޑް ފެސިލިޓީ އަށް އަދި މާލެ ސަރަހައްދަށް ބަލި މީހާ ބަދަލުކުރަން އަންގާ ކަމަށެވެ.

ކޮވިޑްގެ ހާލަތު މެނޭޖްކުރަން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 214، އައިޖީއެމްއެޗް ގައި 98 އަދި ހުޅުމާލެ ހޮސްޕިޓަލްގައި 262 ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

އަތޮޅުތަކުގައި ކޮވިޑްގެ ހާލަތު މެނޭޖްކުރުމަށް 226 އެނދު ހާއްސަކޮށްފައިވާ އިރު އަތޮޅުތަކުގައި ހުރި އައިސީޔޫ ތަކުގައި 13 ވެންޓިލޭޓަރާއި ހަތް ޕޯޓަބަލް ވެންޓިލޭޓަރާއި އަދި އެއް މޯބައިލް ވެންޓިލޭޓަރު ހުރިކަން މިނިސްޓަރު މިއަދު ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ 5،700 އޮކްސިޖަން ފުޅި ވެސް އަތޮޅުތަކުގައި ހުރި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސް ސްޓޮކްގައި ހުރި ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.