އަލީ ވަހީދު

"ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅަކު އަލީއެއް ނޫޅޭ"

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވަނީ އެ ގައުމުގައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތައް އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ދޮގު ކުރައްވައިފި އެވެ.

ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއްކޮށް ގިނަ ދައުވާތަކެއް ވެސް އުފުލާފައި ވަނިކޮށް އަލީ ވަހީދު ފުރައިގެން ބޭރަށް ވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ބާތިލު ކުރުމާއި ގުޅިގެނެވެ. ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށް ނަމަވެސް މިހާރު އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

އޭނާގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރި ވަނީ އެ ގައުމުގައި ހުންނަވައިގެނެވެ.

އަލީ ވަހީދު އެ ގައުމުގައި ދިރިއުޅުއް ވަނީ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ އެކި ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް ނޫސްތަކުގައި އެކި ފަރާތްތަކާ ހަވާލާދީ އެ ވާހަކަތައް ރިޕޯޓްވެސް ކޮށްފައި ވެއެވެ.

ފަރަހަނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެއީ 100 ޕަސެންޓް ބޮޑު ދޮގެއް" ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފަތުރަނީ އެމްބަސީގެ މުވައްޒިފުންގެ އަގު ވައްޓާލަން ކަމަށެވެ.