ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އިނގިރޭސި ބަހުން އަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައިވީ ނަމަވެސް އެ އަމުރު އަދިވެސް ނުނެރެދޭކަން އަވަސް އަށް އެނގިއްޖެ އެވެ.
އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ނުގެނެވިގެން އުޅެނީ އިނގިރޭސި ބަހުން ހައްޔަރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނުނެރެދީގެން ކަމަށް ފުލުހުން ދަނީ ބުނަމުންނެވެ. އެކަމަށް އެދި ފުލުހުން ފޮނުވި ހުރިހާ ސިޓީއަކަށް ކޯޓުން ޖަވާބުދީފައިވާ ކަމަށް އެކޯޓުން ކުރިން ބުނެފައިވެ އެވެ.
ފުލުހުންގެ ސިޓީތަކަކަށް ކޯޓުން ޖަވާބު ދީފައިވާކަން ފުލުހުން ވެސް ޔަގީންކޮށްދެ އެވެ. ފުލުހުން ބުނީ އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ. އެކަމަކު ފުލުހުން ބޭނުންވާ އިނގިރޭސި ބަހުން ލިޔެފައިވާ އަމުރާ ގުޅޭ ގޮތުން ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ. ފުލުހުން ބޭނުންވާ އަމުރު ކްރިމިނަލް ކޯޓުން ނެރެދީފައި ނުވާ ކަމަށާއި އެކަން ކޮށްދިނުމަށް ފުލުހުން ކޯޓުގައި އެދިފައިވާ ކަމަށްވެސް އަވަސް އަށް ވަނީ އިތުބާރު ހުރި މަސްދަރަކުން ޔަގީންވެފަ އެވެ.
އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް ބޭސްފަރުވާ އަށް ފުރުމަށް ކޯޓުން ހުއްދަ ދިނުުމުން އޭނާ ފުރާވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ތެރޭގަ އެެވެ. އޭގެ ފަހުން އޭނާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ. ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުން އެންގުމުން ވެސް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެހެންވެ ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ކޯޓުން ދިން ހުއްދައާއި އަލީ ހިލާފުވެ ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ކޯޓަށް ހާޒިރުނުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ނިންމަވާ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކުރައްވާފަ އެވެ.
އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގެ އަޑުއެހުމަކަށް މީގެކުރިން ސުޕްރީމް ކޯޓަށް އަލީ ވަހީދު ހާޒިރުވާން ވެސް ކޯޓުން އެންގި އެވެ. ނަމަވެސް ޗިޓު ފޮނުވައިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އެ ކޯޓުން އިއްވާފަ އެވެ. އެ ހުކުމް އިއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަގުތީ އަމުރެއް ވެސް ނެރުނެވެ. އެ އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދުގެ މައްސަލަ ވިޔަސް އަދި އެނޫން ވެސް މައްސަލައެއްގައި ވެސް ދައުވާ ލިބޭ މީހާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރެއްޖެނަމަ އެ މައްސަލައިގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިން ކުރިއަށް ގެންދިޔަ އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުންތައް ފަހުން ނުބާއްވަ އެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.