ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އިން ޅ. ނައިފަރު ނަގަން އަދި ނުނިންމާ ކަމަށް ނައިފަރު ހޮސްޕިޓަލުން ބުނެފި އެވެ.
ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ މިއަދު ވިދާޅުވީ ނައިފަރުގެ ހާލަތު ރަނގަޅުވަމުން އަންނާތީ ރަށް މޮނިޓަރިންގެ ހާލަތުން ނެގުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް ރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެން 14 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެ މުއްދަތުގައި ރަށުން ކޭހެއް ނުފެންނަމަ މޮނިޓަރިން ނަގާނެ ކަމަށް ޖައުފަރު ވިދާޅުވި އެވެ.
ނައިފަރަށް އަރާބޭފުން މަނާކޮށްފައިވާ މޮނިޓަރިން އުވާލުމާ ގުޅޭގޮތުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމާ މަޝްވަރާ ކުރެއްވި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވެފައި ވެއެވެ.
ނައިފަރަކީ އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގައި އޮތް ރަށެވެ. މާޗް މަހުގެ 23 ވަނަ ދުވަހުން ފެށިނެން ނައިފަރު މޮނިޓަރިންގައި އޮންނަ އިރު 900 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ އެރަށުގެ އާބާދީގެ 22 ޕަސެންޓް މީހުނެވެ. ނައިފަރުގައި ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވެސް ކުރިއަށް ދެއެވެ. އެ ރަށުގެ އާބާދީގެ 60 ފަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު ކޮވިޑް ޖެހިގެން އެ ރަށުން މިހާތަނަށް ހަތަރު މީހަކު މަރުވެފައި ވެއެވެ.
ނައިފަރުގައި ޕީސީއާރް ޓެސްޓު ހަދާނެ ގޮތް ނެތް ނަމަވެސް ޖީން އެކްސްޕާޓް ޓެސްޓް ކުރެ އެވެ. އެ ޓެސްޓު ކުރެވޭނީ ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުނަށް އެކަންޏެވެ.