ރައީސް މައުމޫން އަބްދުލްގައްޔޫމް

އަންހެންކުދިން ހިތާން ކުރުމެއް ނޯވޭ: މައުމޫން

އިސްލާމްދީނުގައި ހިތާބު ކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަަމަށާ އަންހެން ކުދިން ހިތާނަ ކުރުމެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އަންހެނުން ހިތާނު ކުރަން ހިތްވަރު ދޭ ކަމަށް ބުނެ، ދީނީ އިލްމުވެެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްއާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މައްސަލައެއް ހުށައަޅާފައިވަނިކޮށެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި ހިތާބު ކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަަމަށާ އަންހެން ކުދިން ހިތާނަ ކުރުމެއް ނެތް ކަމަށެވެ. އަދި ހިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެެއްލުން ދިނުމަކީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ނާތަހުޒީބު އަމަލެއް ކަމަށެވެ.

"މި ދެންނެވީ އަޅުގަނޑުގެ އަމިއްލަ ރައުޔެއް ނޫން. މިސުރުގެ ފަތުވާ އިދާރާއިން އިއް ޔެނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެނުން ހިތާން ކުރުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައި ކަމެއްކަމުގައި،" މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިޔާޒް ވަނީ އަންހެން ކުދިން ހިތާނު ކުުރުމާއި ގުޅޭގޮތުން ލިޔެފައިވާ ލިޔުމެއް އާންމުކޮށްފައެވެ. އެކަމާއި ގުޅިގެން އިޔާޒަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއްކަމުގައި ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ.

އަޅުގަނޑުގެ ތިން އަންހެން ކުދިން ތިބޭ. އެކުދިން ތިބެނީ ހިތާނު ކޮށްފައެއް ނޫން. އަޅުގަނޑު ނުކުރާ ކަމެއް ޕްރޮމޯޓެއް ނުރަން. އަޅުގަނޑަކީ އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ މީހެއް ނޫން
ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް | ދީނީ އިލްމުވެރިޔާ

އަދި ވިދާޅުވީ އޭނާ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން އަންގައި ދޭން ކަމަށެވެ. އިޔާޒް ވިދާޅުވީ އިސްލާމް ދީނުގައި ހިތާނު ކުރުން ވާޖިބީ ހަމަ އެކަނި ފިރިހެން ކުދިން ކަމަށެވެ. އަދި އަންހެން ކުދިން ހިތާނު ކުރުން ވާޖިބެއް ނޫން ކަމަށެވެ. ނަމަވެސް ކުރީ ޒަމާނުގައި އަންހެން ކުދިން ހިތާނު ކުރާ ކަމަށް އިލްމީ ދިރާސަތުން ދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.