ޕާލިމެންޓް އިންކުއަރީ

އޭޑީކޭގެ އިސް ޑޮކްޓަރުން އިންކުއަރީއަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކްއަރީއަށް ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުގެ އިސް ޑޮކްޓަރުން ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

މަޖިލީހަށް ހާޒިރުކޮށްފައިވަނީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އާއި އޭޑީކޭގެ ސީނިއާ ދެ ޑޮކްޓަރުން ކަމަށްވާ ޑރ. އަބްދުﷲ ނިޔާފް އާއި ޑރ. އަހުމަދު ނިޝާން އެވެ. އެއީ ރައީސް ނަޝީދަށް ފަަރުވާ ދެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެން ބޭފުޅުންނެވެ.

ކޮމެޓީ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރުން ކަމަށްވާތީ މި ބައްދަލްވުމުގެވެސް ތަފްސީލެއް ނުލިބެއެވެ. މަޖިލީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމާއި ސުވާލުކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިޒަމްގެ ހަމަލާގައި އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ކުރީން ވަނީ ބުނެފައެވެ.

ޑޮކްޓަރުން ގެ ޓީމުން ބުނީ ރައީސް ނަޝީދުގެ ހަށިކޮޅަށް ވަދެފައިވާ ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން މޭކަށިގަނޑަަށް ވެދެފައިވާ އެތިކޮޅުތައް ހުރީ ފުރާނައަށް ނުރައްކާވާފަދަ ގޮތަކަށް ކަމަށެވެ. އަދި ބުނީ ރައީސް ނަޝީދުގެ ބޭރުފުށުން ލިބިފައިވާ ގެއްލުން ތަކުގެ އިތުރުން އެތެރެ އަށް ލިބިފައި ހުރި ގެއްލުންތަން ބެލުމަށް ސީޓީ ސްކޭނެއް ވެސް ހަދާފައިވާ ކަމަށެވެ. އެގޮތުން ހަށިގަނޑުގެ އެކި ހިސާބަށް ދަގަނޑު އެތިކޮޅުތަކެއް ވަދެފައިވާ ކަމަށެވެ. ޑޮކްޓަރުންގެ ޓީމުން އިތުރަށް ބުނި ގޮތުގައި ރައީސް ނަޝީދަށް ފަރުވާ ކުރުމަށްޓަކައި މައިގަނޑު ހަތަރު ސާޖަރީ އެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޑޮކްޓަރުން ބޮޑަށް ފަރިތަވެފައި ހުންނަނީ ލޭ ހޮޅިތަކުގައި ހުންނަ ގަނޑު ލޭކޮޅުތައް ނަގަން ކަމަށާއި އޮމާންކޮށް ހުންނަ ދަގަނޑުކޮޅު ފަދަ އެއްޗެހި އެފަދަ ގޮތަކަށް ހަށިގަނޑުގެ އެތެރެއަށް ވަދެފައި ހުރުމުން އެ ދަގަނޑު ކޮޅުތައް ނެގުން ވީ އުނދަގޫ ކަމަކަށް ކަމަށް ޑޮކްޓަރުންގެ ޓީމުން ބުންޏެވެ. 

އޭޑީކޭއިން ކުރި ކާމިޔާބު ފަރުވާތަަކަށް ފަހު ރައީސް ނަަޝީދު މިހާރު ހުންނެވީ ޖަރުމަންވިލާތުގައެވެ. ބޭރަށް ފެންނަން ހުރި ފާރުތަކުން ފައިގައި ހުރި ފާރުގަނޑެއް ނޫން އެހެން ފާރުތައް ވަނީ ފަސޭހަވުމާއި ގާތުގައެވެ. ނަމަވެސް އެމަނިކުފާނުގެ ވައަތުގެ އޮޅަނބޮށީގެ ހަރަކާތުގެ 50 ޕަސެންޓް ވަނީ ހުއްޓިފައެވެ. އަދި ކަނާއަތުގެ ތިން އިނގިއްޔެއްގެ ހަރަކާތް ވަރަށް ކުޑަ އެވެ.