ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުތަކުގެ މަގުތައް ހަދަން ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭސީސީއިން ބުނެފި އެވެ.
އޭސީސީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އޭސީސީން މިއަދު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަސައްކަތް އެޗްޑީސީން ހަވާލު ކުރުމުގައި ހިޔާނާތަށް މަގުފަހިވާ ގޮތަށް އޮތް ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލި އިރު ދެވަނަ ފިޔަވަހީގެ މަގުހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އެޗްޑީސީ އިން އިއުލާންކުރުމާއި ގުޅިގެން ހަތަރު ފަރާތަކުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި އޭގެތެރެއިން ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާފައިވަނީ ތިން ފަރާތަކުން ކަމާއި އެ ތިން ފަރާތުގެ ތެރެއިން ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު ދީފައިވަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ދެފަރާތަށް ކަމަށާއި އެގޮތަށް ނިންމާފައިވަނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ބިޑްތައް އިވެލުއޭޓް ކޮށްފައިވަނީ އެޗްޑީސީގެ ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް އަދި ކުންފުނީގެ ބޯޑުން ނިންމައިގެން އެ ނިންމުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ހުށަހެޅުމަށްފަހު އެކައުންސިލްގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ކަމަށާއި އެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅި ދެފަރާތުގެ ތެރެއިން އެމަސައްކަތް ހަވާލުކޮށްފައިވަނީ އެމަސައްކަތަށް އެންމެ ކުޑައަގު ހުށަހެޅި އަދި މަގު ހެދުމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުންވެސް އެންމެ ރަނގަޅު ފަރާތާ ކަމަށެވެ.
އެޗްޑީސީ އިން 40.3 މިލިއަން އެމެރިކާ ޑޮލަރަށް މިމަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް ކުންފުންޏާއި އިންޑިއާގެ އަޝޯކާ ބިލްޑްކޮން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކަށެވެ.