ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުލެ އާއި މާލެއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ހުޅުލެއަށް 144 މިލިމީޓަރުގެ ވާރޭ އަދި މާލެއަށް 142.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑްކުރެވިފައިވަނީ ހުޅުމާލެއަށެވެ. އެ ގޮތުން ހުޅުމާލެއަށް 122.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑްކޮށްފައިވެ އެވެ.
އެންމެ ގިނައިން ވާރޭވެހުނު ރަށްތައް
- ހުޅުލެ - 144 މިލިމީޓަރު
- މާލެ - 142.6 މިލިމީޓަރު
- ހުޅުމާލެ - 122.5 މިލިމީޓަރު
- އއ. މާމިގިލި - 113 މިލިމީޓަރު
- އއ. ތޮއްޑޫ - 78.9 މިލިމީޓަރު
- ކ. ދިއްފުށި - 65.1 މިލިމީޓަރު
- ކ. ގާފަރު - 57.4 މިލިމީޓަރު
މާލެއަށް އިއްޔެ މެންދުރުން ފެށިގެން ރޭ ދަންވަރާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އިއްޔެ އާ ރެޔާއެކު މާލެގެ ބޮޑު ބައެއް ފެނުގެ އަޑިއަށް ގޮސް އެތައް ބައެއްގެ އާއްމު ދިރިއުޅުމަށް ދަތިވެ، އެތައް ފިހާރައެއް ބަންދު ކުރަން ޖެހުނެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އިއްޔެ ކުރި ވިއްސާރައިގައި އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތުގައިވާ 36 ގޭބިސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދީފައިވާ ކަމަށެވެ.
މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓްކުރި ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.