ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ޕީޖީގައި އޮތް 65 ޕަސަންޓަކީ ޑްރަގު މައްސަލަ

Jun 27, 2021

ޕީޖީ އޮފީހުގައިވާ މައްސަލަތަކުގެ ތެރެއިން 65 ޕަސަންޓަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް (އެންބީއެސް) އިން އާއްމުކުރި ތަފާސްހިސާބުތަކަކަށް ޖަވާބުދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގައިވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން އަތުން މަސްތުވާތަކެތި ފެނިގެން ލިބިފައިވާ 46 ޕަސަންޓް މައްސަލަ އަށް ހައްލެއް ހޯދިއްޖެނަމަ އެކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ފައިދާ ކުރާނެ ކަމަށެވެ. އޭރުން މަސްތުވާތަކެތި ވިޔަފާރިކުރާ މީހުންގެ މައްސަލަތަކުގެ ގޮތުގައި އޮތް 36 ޕަސަންޓް މައްސަލައަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދެވޭނެ ކަމުގައިވެސް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންނާ ހަވާލާދީ އެންބީސީ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 12،000 މައްސަލަ ރިޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރު އެކަނިވެސް މަސްތުވާތަކެތީގެ 1425 މައްސަލަ ވަނީ ލޮޖުކޮށްފަ އެވެ.

މިިދިޔަ އަހަރު ލޮޖުކުރި މައްސަލަތަކުގެ ތެރެއިން 46 ޕަސަންޓް މައްސަލަ އަކީ އަތުގައި މަސްތުވާތަކެތި ބެހެއްޓުމުގެ މައްސަލަތަކެވެ. މަސްތުވާތަކެތި ވިޔަފާރިކުރުމުގެ 26 ޕަސަންޓް މައްސަލައާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ 10 ޕަސަންޓް މައްސަލައާއި މަސްތުވާތަކެތި ބޭނުންކުރުމުގެ 14 ޕަސަންޓް މައްސަލައާއި މަސްތުވާތަކެއްޗާ ގުޅުންހުރި އެހެނިހެން މައްސަލަ ތަކުގެ ގޮތުގައި ހަތަރު އިންސައްތަ މައްސަލަ ވެސް މިދިޔަ އަހަރު ލޮޖުކޮށްފައިވެ އެވެ.

ފުލުހުންނަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 70 ޕަސަންޓް މީހުން ނިސްބަތްވަނީ 18-34 އަހަރާ ދެމެދުގެ އުމުރުފުރާ އަށެވެ. އަދި ހައްޔަރުކުރެވުނު 28 ޕަސަންޓް މީހުންނަކީ 35 އަހަރުން މަތީގެ މީހުންނެވެ. ހައްޔަރުކުރެވުނު ދެ ޕަސަންޓް މީހުންނަކީ 18 އަހަރުގެ މީހުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި މިދިޔަ އަހަރު ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 98 ޕަސަންޓް މީހުންނަކީ ފިރިހެނުންނެވެ.

ފުލުހުން މިދިޔަ އަހަރު އަތުލައިގެންފައިވާ 408 ކިލޯގެ މަސްތުވާތަކެތީގެ ތެރެއިން 54 ޕަސަންޓަކީ ހެރޮއިންނެވެ. އަދި 36 ޕަސަންޓަކީ ކެނަބިސް އެވެ.

މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އެންމެ ގިނައިން އަތުލައިގަނެވިފައިވަނީ ހެރޮއިންނެވެ.