ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
މީގެ ކުރިން މިއަހަރުގެ މާޗް މަހު 14 ދުވަހަށް އިޔާޒު މަގާމުން ސަސްޕެންޑް ވެސް ކުރި އެވެ. އޭރު ސަސްޕެންޑް ކުރީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްތަކަކާ ގުޅިގެންނެވެ.
އެ ފަހަރު އިޔާޒުގެ ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު ދިނުމަށްފަހު އެވެ.
އިޔާޒު މިއަދު ވަޒީފާއިން ވަކިކޮށްފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ނަަމަވެސް އެ ޕޯސްޓް ކުރެވި ސަބަބު އިޔާޒު ވަނީ ސާފުކޮށްދެއްވާފައެވެ. ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއްކަމުގައި ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ.
އަދި ވިދާޅުވީ އޭނާ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން އަންގައި ދޭން ކަމަށެވެ.
އަޅުގަނޑުގެ ތިން އަންހެން ކުދިން ތިބޭ. އެކުދިން ތިބެނީ ހިތާނު ކޮށްފައެއް ނޫން. އަޅުގަނޑު ނުކުރާ ކަމެއް ޕްރޮމޯޓެއް ނުރަން. އަޅުގަނޑަކީ އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ މީހެއް ނޫންޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް | ދީނީ އިލްމުވެރިޔާ
އިޔާޒް ވިދާޅުވީ އިސްލާމް ދީނުގައި ހިތާނު ކުރުން ވާޖިބީ ހަމަ އެކަނި ފިރިހެން ކުދިން ކަމަށެވެ. އަދި އަންހެން ކުދިން ހިތާނު ކުރުން ވާޖިބެއް ނޫން ކަމަށެވެ. ނަމަވެސް ކުރީ ޒަމާނުގައި އަންހެން ކުދިން ހިތާނު ކުރާ ކަމަށް އިލްމީ ދިރާސަތުން ދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ ފަހުން އިޔާޒު ވަނީ މައާފަށް އެދިވަޑައިގެން ބަޔާނެއްވެސް ނެރުއްވާފައެވެ. އަންހެނުން ހިތާނު ކުރުމަކީ އޭނާ ވަކާލާތުކުރެއްވި އަދި ވަކާލާތުކުރައްވާ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖެއިން ނެތިގޮސްފައިވާ އާދައެއް ކަމުގައި ބެލެވޭއިރު، އެ އާދަ އަނބުރާ އިއާދަ ކުރަން ވެސް ވަކާލާތު ނުކުރައްވާ ކަމަށް އެ ބަޔާނުގައި އޭނާ ވިދާޅުވެފައި ވެއެވެ.
އެ މައްސަލައިގައި ޓްވީޓެއް ކުރެއްވީ އިސްލާމީ ޝަރީއަޢަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭ ގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ، ކަމަށާއި އެ މައްސަލައަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފު އޮތް ފަރުއީ މައްސަލައެއް ކަމަށެވެ.
މީގެ ކުރިން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް އަވަސް އަށް ވިދާޅުވީ އިޔާޒުގެ މައްސަލަ ބެލީ އެމްއެންޔޫގެ ހާއްސަ ކޮމިޓީ އަކުން ކަމަށެވެ. ކޮމިޓީގައި ދީނީ އިލްމުވެރިންގެ އިތުރުން އެކި ދާއިރާތަކުން ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުން ވެސް ހިމެނޭ ކަމަށެވެ.
އަންހެނުން ހިތާނު ކުރަން ހިތްވަރު ދެއްވާ ކަމަށް ބުނެ، އިޔާޒާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މަޖިލީހަށް ވެސް މައްސަލައެއް ހުށައެޅުއްވިއެވެ.