ހައްގުބަސް ބުނުމުގައި މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެ ކަމަށާ އިސްލާހީ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާ އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.
އިޔާޒް މިހެން ވިދާޅުވީ ގައުމީ ޔުނިވާސިޓީގައި އަދާ ކުރައްވާ ވަޒީފާއިން ސަސްޕެންޑްކޮށް އޭނާއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައާ ގުޅިގެން ލިޔުމުން ދެއްވި ޖަވާބުގަ އެވެ. އިޔާޒު ވަނީ ޔުނިވާސިޓީން ބަލަމުންދާ ކަމަށް ބުނާ މައްސަލައާ އެ މައްސަލައާ ގުޅިގެން އޭނާއާ އެކި ގޮތްގޮތުން ކުރެވިފައިވާ މުއާމަލާތްތަކުގެ ތަފްސީލް ހިމަނުއްވާފަ އެވެ.
އިޔާޒް ވިދާޅުވީ މިހާތަނަށް އޭނާ ވިދާޅުވި ބަހެއްގައި ވެސް އަދި ކުރެއްވި އަމަލެއްގައި ވެސް ޔުނިވާސިޓީގެ ގަދަރާއި ކަރާމަތް ގެއްލޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާ ކުރައްވާފައިވާ ކޮންމެ ކަމަކީވެސް ޔުނިވާސިޓީގެ ގަދަރާއި އިއްޒަތް އުފުލޭނެ ފަދަ ކަންކަން ކަމަށެވެ.
"... އަޅުގަނޑަކީ އިސްލާމްދީނުގެ ތައުލީމު އުނގެނި ހުރެ އެ ދީނުގެ ތައުލީމު މީސްތަކުންނަށް ފޯރުކޮށް ދޭން ރެއާއި ދުވާލު މަސައްކަތް ކުރާ މީހަކީމެވެ. އަޅުގަނޑު ދިރިއުޅުމަށް ކުރާ އިތުރު މަސައްކަތެއް ނޯވެ އެވެ. އަޅުގަނޑުގެ މައިގަނޑު މަސައްކަތަކީ އާންމުން ކުރާ، ފޮނުވާ، ހުށައަޅާ ދީނީ އަދި އިޖްތިމާއީ ސުވާލުތަކަށް ޖަވާބު ދިނުމާއި ގުރުއާން ތަފްސީރު ކްލާސްތައް ކުރިއަށް ގެންދިއުމެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނުގެ އެކިކަން ކަމަށް އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރުމެވެ. މިވީހާތަނަށް އަޅުގަނޑަށް ހީކުރެވިފައި އޮތީ މިކުރާ މަސައްކަތުން ޔުނިވާސިޓީގެ ގަދާރާއި ކަރާމާތް ވާނީ މަތިވެރި ކަމަށެވެ،"
އިޔާޒް ވިދާޅުވީ އޭނާއަކީ އިސްލާހަށް މަސައްކަތް ކުރައްވާ މީހެއް ކަމަށާ ހައްގުބަސް ވިދާޅުވުމުގައި މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ބަސް ވިދާޅުވާނެ ކަމަށެވެ.
އިޔާޒް ސަސްޕެންޑް ކޮށްފައި ވަނީ ޖަމާއަތުގެ ނަމާދު ހުއްޓާލުމާ ގުޅޭގޮތުންނާއި ގައިދުރުކޮށް ނަމާދު ކުރުމާ ދެކޮޅު ހައްދަވާ ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. އިޔާޒް ވަނީ ހަމަހަމަކޮށް ފިޔަވަޅު ނާޅުއްވާ ހަމައެކަނި މިސްކިތުގެ ޖަމާއަތަށް ފިޔަވަޅުތައް އަންނާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އިޔާޒް ފާހަގަކުރެވިފައި ވަނީ މި ސަރުކާރާ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި ދިފާއު ކުރައްވާ ބޭފުޅެއްފެ ގޮތުގަ އެވެ. އިޔާޒަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސެވެ. ނަމަވެސް ނަމާދުގެ މައްސަލާގައި އިޔާޒު ގެންދަވަނީ ކަން އޮތްގޮތް ބަޔާންކޮށް އިލްމުވެރިންގެ ފަރާތުން ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ.