ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، އެ ޔުނިވާސިޓީން ވަކިކޮށްފައިވަނީ ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގައުމީ ޔުނިވާސިޓީން ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފާ މެދު އެޅި ފިޔަވަޅަކީ އެފަދަ މަގާމެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ އިލްމީ ވެއްޓަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާ ދިވެހި ރައްޔިތުންގެ އިހްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު އަދުލުވެރި އިޖުރާއާތެއް ނެތި ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
އަދި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފަށް އެފަދަ ސަބަބެއްވެސް އަދި ހާލަތެއްވެސް ނެތި ފިޔަވަޅު އެޅުމަކީ ދީނީ އިލްމުވެރިންނާމެދު އެޅުމަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
"... އެހެންކަމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޑރ. މުހައްމަދު އިޔާޒް ވަކިކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ހާލު އެ ނިންމުން ބާތިލުކޮށް އެމަނިކުފާނު ކުރިން ހުންނެވި މަގާމަށް އަނބުރާ އިއާދަކުރުމަށް ގޮވާލަމެވެ،"
އަދާލަތުން ބުނީ މިއިން ޒަމާނަކުވެސް ދިވެހިރާއްޖެ ހުޅުވާލެވިފައި ނުވާ މިންވަރަށް ހުޅުވާލެވި މިނިވަންކަމާއެކު ފިކުރުކޮށް އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި ހިޔާލުތައް އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ދުލާއި ގަލަމުން ފާޅުކުރުމަކީ އަސާސީ ހައްގުއް ކަމަށް ކަނޑައަޅާފައިވާ ޒަމާނެއްގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ތައުލީމީ މުއައްސަސާއިން އިލްމުވެރިން ދައްކަވާ އިލްމީ ވާހަކަފުޅުތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކޭ ގޮތުގައި، ޑރ. މުހައްމަދު އިޔާޒްއާ މެދު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ދިވެހިރާއްޖޭގައި ހިންގޭ އުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެކެވެ. މި ކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރެވެ. އަދި މިކަމުގެ ފަހަތުގައިވަނީ ވަކި ފަރުއީ މައްސަލައަކާމެދު ޑރ. މުހައްމަދު އިޔާޒް ފާޅުކުރެއްވި ޝުއޫރެއް ނޫނެވެ. މިއީ އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ގައުމުގެ ސިޔާސަތު ކަނޑައެޅުމާއި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ އިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭ ބަޔަކު ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެކެވެ،"