ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްއާ އަރާ ހަމަކުރެވޭނެ އެއްވެސް ކެންޑިޑޭޓެއް ނެތް: އިމްރާން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ އަރާ ހަމަނުކުރެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މ. މުލަކުގައި މިރޭ ބޭއްވި ރައީސްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ކެތްތެރިކަމާއި މަޑުމައިތިރިކަމަށް ތައުރީފްކޮށް ރައީސް އަކީ ނަމޫނާއެއްގެ ގޮތުގައި ދެކުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ވިދާޅުވީ ރައީސްގެ މިވެރިކަމުގައި ހޯއްދަވާފައިވާ ކާމިޔާބީތަކަށް ބަލާއިރު އެހެން އެއްވެސް ކެންޑިޑޭޓަކަށް ދެން ރައީސްއާ އަރާ ހަމަނުކުރެވޭނެ ކަމަށެވެ.

"ރައީސް ރައްޔިތުންނާ ބައްދަލުކުރައްވާ މިހާރު ކޮށްދެއްވާފައިވާ ކަންތައް ކިޔައިދެއްވާ، ދެން ކުރައްވަން ގަސްދުކުރައްވާ ކަންތައްތައް ކިޔައިދެއްވާ، ރާއްޖެއަށް ގެންނަވަން ތިވިދާޅުވާ ބޮޑު ބަދަލުގެ ވާހަކަ ވިދާޅުވެ ދެއްވާ، ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރައްވާނެ ކަމަށް ވިދާޅުވެ ދެއްވާ، މިހުރިހާ ކަމެއްގެ ވާހަކަ ރައްޔިތުންނާ ހިއްސާކުރެއްވީމާ ރައީސް ތިހުންނެވީ އެހެން ކެންޑިޑޭޓުންނަށް ވުރެ މާކުރިއަރާފައި އެނގޭތޯ. ދެން އަރާ ހަމަނުކުރެވޭނެ އެނގޭތޯ،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން ވިދާޅުވީ ކޮވިޑް 19ގެ ބަލިމަޑުކަމުގައި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ލިބުނު އިޖްތިމާއީ ގެއްލުންތަކުން އަރައިގަނެވި ރާއްޖެ އަނެއްކާވެސް އުފާވެރި، އަމާން ގައުމަކަށް ވެގެން ދިޔައީ ރައީސް ސާލިހް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އޭނާ ވެސް ނިސްބަތްވާ މ. އަތޮޅަކީ ކުރިން އެމްޑީޕީއާ އެހާ ގާތް އަތޮޅެއް ނޫން ކަމަށެވެ. އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން އެކަން ފެންނަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް މިއަދު ރައީސް ސޯލިހް މ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރެއްވިއިރު މިހާރު މ. އަތޮޅު އޮތް ގޮތް ރައީސް އަށް ފެނިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ. އޭގެ ފަހުގައި އިމްރާން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަށް މ. އަތޮޅުން 60 ޕަސަންޓް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ، މަނިކިފާނު މި އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހިތްތަށް ހުޅުވާދެއްވައިފި" ރައީސްއަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހާކީ ވައުދެއް ވެވަޑައިގެންފިނަމަ ފުއްދަވާނެ ލީޑަރެއް ކަން މިއަދު މ. އަތޮޅުގެ ރަށްތަކުން އެނގިވަޑައިގެންނެވި ކަމަށެވެ. އެކަން އިތުރަށް ތަފްސީލްކޮށްދެއްވަމުން އިމްރާން ވިދާޅުވީ މ. ކޮޅުފުށީގައި ރައީސް ހިންގަވަން ވިދާޅުވި މަޝްރޫއުތަކުގެ އިތުރަށް އިތުރު ހަ މަޝްރޫއެއް މިހާރުވެސް ކުރިއަށްދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި ކަމަށެވެ. އެހެންވެ އިމްރާން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސޯލިހް އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.