ގައުމު ތަރައްގީކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްްޖެ އެވެ.
އިމްރާން މިފަދަ ގޮތަކަށް ލިޔުއްވާ ޓްވީޓް ކުރެއްވި ވަކި ސަބަބެއް ނޭނގެ އެވެ. ޓްވީޓުގައިވެސް އެ ވާހަަކަ ލިޔުއްވާފައެއް ނުވެ އެވެ. ނަމަވެސް ރައީސް ސޯލިހަށް ތައުރީފް ކުރައްވާ އިމްރާން ޓްވީޓެއް ކުރައްވާފައި މިވަނީ ރައީސް ސޯލިހް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ރައީސް ފައްޓަވައިދެއްވާފައި ވަނިކޮށެވެ.
އިމްރާން ވިދާޅުވީ މުޖުތަަމައުގެ މަސްލަހަތާއި ހަމަޖެހުމާއި އެކު ފަރުދުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ގައުމު ތަރައްގީކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ ރައީސް ސޯލިހްގެ ސަރުކާރު ދެވަނަ ދައުރަކަށް އިންތިހާބު ކުރުން ކަމަށެވެ.
އަދާލަތު ޕާޓީ އަކީ ވެރިކަން ކުރާ ކޯލިޝަންގައި މިހާރުވެސް ހިމެނޭ ޕާޓީ އެކެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވާ ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް ތާއީދުކޮށްފައިވާ ހަމައެކަނި ޕާޓީ އަކީވެސް އަދާލަތު ޕާޓީ އެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓުން ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވަ އެވެ. މިކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީން ވަކިން ވާދަކުރުމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނައިރު އެ ދުވަހު ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށްވެސް އިމްރާން ކުރިން ވިދާޅުވެފައިވެ އެވެ.