އިސްލާމީ އުސޫލުގެ ވެރިކަމުގެ ނިޒާމެއް އުފެއްދުމަކީ އަދާލަތު ޕާޓީގެ މިހާރުގެ އަމާޒު ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ އަދާލަތު ޕާޓީން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ބައެއް މެންބަރުންނާ ރޭ ބައްދަލުކުރައްވާ އިމްރާން ވިދާޅުވީ ޕާޓީގެ އެންމެ ބޮޑު ސްޓްރެޓެޖީއަކީ އިސްލާމީ ނިޒާމުގެ ދަށުން ރާއްޖޭގައި ވެރިކަން ކުރެވޭނެ ގޮތަށް މަސައްކަތް ކުރުން ކަމަށާއި އެކަމުގައި ފަސް ނުޖެހޭނެ ކަމަށެވެ.
ޕާޓީގެ އެ އަމާޒު ހާސިލުކުރެވޭނީ މިއަދު މަސައްކަތް ފަށައިގެން ކަމަށާއި އެ އަމާޒު ހާސިލުކުރުމުގެ ދަތުރުގައި ޕާޓީ މިހާރު އޮތީ މުހިންމު މަރުހަލާއެއްގައި އިމްރާން ވިދާޅުވި އެވެ.
އަމާޒު ހާސިލުކުރެވޭނީ އަޅަންޖެހޭ ފިޔަވަޅުތައް ސާބިތުކަމާއެކު އަޅައިގެންކަން އިމްރާން ފާހަގަކުރެއްވި އެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އުފެދުނުއިރު ފުރަތަމަ ވިސްނުމަކީ ވެރިކަން ކުރުން ނޫން ކަމަށާއި ބަޔަކު ވެރިކަމުން ބޭލުމާއި ބަޔަކު ވެރިކަމަށް ގެނައުމަކީވެސް ޕާޓީގެ ވިސްނުމެއް ނޫން ކަމަށެވެ.
މިހާތަނަށް އަދާލަތު ޕާޓީން މަސައްކަތްކުރީ ގައުމު އިސްލާހު ކުރުމަށް ކަމަށާއި މިހާރު ބޭނުންވަނީ އިސްލާމީ އުސޫލުތަކުގެ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި އުފެއްދުން ކަމަށް އިމްރާން ވިދާޅުވި އެވެ.