އިމްރާން އަބްދުﷲ

އިމްރާންގެ އިންޒާރު: މުޒާހަރާކުރަން ދެން ޖާގައެއް ނުދޭނަން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަށްރަށަށް ވަޑައިގަންނަވާއިރު "ތިޖަހާ ސަކަރާތް ޖެހުން" ހުއްޓާލުމަށް އަމުރުކޮށް އިދިކޮޅު ފަރާތްތަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޒާރު ދެއްވައިފި އެވެ.

މ. ދިއްގަރުގައި މިރޭ ބޭއްވި ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ އިމްރާން ވަނީ ހަރުކަށިކޮށް އިދިކޮޅު ފަރާތްތަކަށް އިންޒާރު ދެއްވާފަ އެެވެ. އެގޮތުން އިމްރާން ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގުމުގެ ނަމުގައި މިރާއްޖޭގައި ސުލްހައާއި ހަމަޖެހުން ނަގާލަން އަދި އަބަދު މުޒާހަރާކޮށް ވެލިއުކަން ފުރުސަތު ދެން ނުދެއްވާނެ ކަމަށެވެ.

އިމްރާން ވަނީ ސިޔާސީ ހަރަކާތް ހިންގަންވީ ގޮތް ވެސް އިދިކޮޅު ފަރާތްތަކަށް ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގަން ބޭނުންވާނަމަ ވައުދުތަކާއި ސިޔާސަތުތައް ރައްޔިތުންނަށް ވިއްކުމަށެވެ.

"ހަމަޖެހުން ނަގާލާއި މުޒާހަރާކުރުން އަޅުގަނޑުމެން މިތިބީ ރައީސް ވިދާޅުވިހެން 2000ގެ ކުރީކޮޅަށްލައި މާޒީގެ ސޮފްހާތަކަށްލާ ނިންމާލައިގެން މިތިބީ" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބަދު މުޒާހަރާކޮށް ހަމަނުޖެހުން ނަގާލަން އުޅޭނަމަ ރައީސް ސޯލިހާ އެކު އޮތް ކޯލިޝަން މާއަޑުގަދަވެފައި މާވަރުގަދަވާނެ ކަމަށެވެ. އެހެންކަމުން މުޒާހަރާކުރުން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލެެއްވި އެވެ.

"މިރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާކަށް ދެނެއް ގަޔަށް ބޮލަށް އަރާކަށް ވެލިއުކާކަށް ފެން އުކާކަށް ޖާގައެއް ނުދޭނަން. ސިޔާސީ ހަރަކާތް ހިންގަން އަބަދުކުރަން އޮތް ކަމަކީ މުޒާހަރާކުރުން ކަމަކަށް ނުދޭނަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވަނީ ފަނާކުރަނިވި ކަންކަމުން ދުރުވެ ގައުމު ތަރައްގީކޮށް ކުރިއަށް ގެންދިއުމަށް ރައީސް ސޯލިހާ އެކު ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުންނަށްވެސް އިލްތިމާސް ކުރައްވާފަ އެވެ. ރައީސްއާ އެކު ރިޔާސީ ދެވަނަ ދައުރެއްގައި "އަމާންރާއްޖެ" އިތުރަށް ޔަގީންކުރެވިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ރަށްރަށަށް އަރާއިރު ދެން ތިސަކަރާތް ޖަހަން ނުހައްދަވާ،" އިދިކޮޅު ފަރާތްތަކަށް އިންޒާރު ދެއްވާ އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ މިއަދުގެ މިޖީލުގައި ދިވެހި ބިމުން ރައީސް ސޯލިހަށް ވުރެ ވަކިން ބޮޑަށް ހެޔޮވެރިކަމެއް ކޮށްދެއްވާނެ ހެޔޮލަފާ ވެރިޔަކު ނުދެއްކޭނެ ކަމަށެވެ. އެއީ ރައީސް އަށް ސަނާ ކިޔުން ނޫން ކަމަށާއި އެއީ ދައްކަންޖެހޭ ވާހަކައެއް ކަމުގައިވެސް ވިދާޅުވި އެވެ.