ދުނިޔެ

ޕެރިސް ހަމަލާއަށްފަހު ފެންމަތިވި ސުވާލުތަކަށް ޖަވާބުދޭން ބާރުތަކަށް ނުކެރޭނެ!

ހައްދު ފަހަނަ އަޅާފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބުން މިއަހަރު ކުރީކޮޅު ކެންޔާގެ ޔުނިވަސިޓީއަކަށް ވަދެ ބަޑިން ހަމަލަދީ 147 މީހުން މަރާލިއެވެ. އެވާހަކަ އަޑުއިވިފައި ނެތުން ގާތެވެ. ހަމަ މި ޖަމާއަތުން ޝޮޕިން މޯލަކަށް ހަމަލަދީ 67 މީހުން މަރާލިއެވެ. އެވާހަކަ އަޑުއިވިފައި ނުވާނެކަން ގާތްގަނޑަކަށް ޔަގީނެވެ.

ޕެރިސް ހަމަލާއަށްފަހު ކުއްލިއަކަށް އެތައް މިލިއަން ބަޔަކު "ކުރިން މުހިންމު ނުވި" ހަމަލާތަކުގެ ވާހަކަ ދައްކަން ފަށައިފިއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައެވެ. ދުނިޔޭގެ އެންމެ ވަރުގަދަ މީޑިއާ ސްޓޭޝަންތަކާއި ބާރުގަދަ ގައުމުތަކުގެ ލީޑަރުން އިންސާނުންގެ ފުރާނަ އަގުކުރާއިރު ގެންގުޅޭ ތިލަފަތް މުޅިން ގޯސް ކަމަށް ވަރަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިއްޖެއެވެ. ޕެރިސް ހަމަލާއާ ގުޅިގެން ފެންކަޅިވި ވެރިން އޭގެ ކުރިން ނަސްލުތައް ނައްތާލުމަށް ބޮޑެތި ޖަރީމާތައް ހިންގި ދުވަސް ދުވަހު ގޮލްފު ކުޅުއްވަން ތިއްބެވިތަން ފެނި މީހުންތަކުގެ ބޮލުގައި ޖަހާލައިފިއެވެ.

ބީބީސީ ބުނާ ގޮތުގައި ކެންޔާ ޔުނިވަސިޓީއަށް ދިން ހަމަލާގެ ހަބަރު ދެދުވަސްތެރޭ 10 މިލިއަން މީހުން ކިޔައިފިއެވެ. މިއީ އެ ހާދިސާ ހިނގި އިރު އެ ހަބަރު ކީ މީހުންގެ ހަތަރު ގުނައެވެ. މިހާ ގިނަ ބަޔަކު މި ހަބަރު ކީ ޕެރިސް ހަމަލާގެ ފަހުންނެވެ. އެ ހަބަރަށް ކްލިކް ކުރި ގިނަ މީހުން އައީ ސޯޝަލް މީޑިޔާ ތެރޭންނެވެ. މި ހަބަރު ޝެއާ ކުރި ގިނަ މީހުންގެ ޝަކުވާ އަކީ ޕެރިސް ހަމަލާއަށްވުރެ މަރު ގިނަ ހަމަލާއަކަށް މި ހަމަލާ ވީއިރު، މީޑިއާގެ ސަމާލުކަން މި ހަބަރަށް އެއްވެސް ވަރަކަށް ނުލިބުމެވެ. އަލް ޝަބާބާއި ދެކޮޅަށް ބާރުގަދަ ގައުމުތަކުން ކަރަށް ނާރު އަރުވާ ހަޅޭއް ނުލެވުމެވެ.

ޓްވިޓާގައި ވެސް ވިންދު ހުރީ މިކަހަލަ ގޮތަކަށެވެ. ޕެރިސް ހަމަލާއަށް ފަހު އާންމުވި "ޕްރޭ ފޯ ޕެރިސް" ހޭޝްޓެގައް ފަހު ދެން އެންމެ ހިނގީ "ޕްރޭ ފޯރ ދަ ވޯލްޑް" އެވެ. ހަމަ އެކަނި ޕެރިހަށް ހުރިހާ ސަމާލުކަމެއް ދިނުމުގެ ބަދަލުގައި ކޮންމެ ދުވަހަކު އެތައް ހަމަނުޖެހުމެއްގައި އެތައް ބަޔަކު މަރުވަމުންދާ ލެއިން ކަޅި ވެފައިވާ މި "ދުނިޔެއަށް" ހެޔޮ ދުއާ ކުރުން މާ ރަނގަޅު ކަމަށް ގިނަ ބަޔަކަށް ފެނުނީއެވެ.

ޕެރިސް ހަމަލާގެ އެއް ދުވަސް ކުރިން ހަމަ އެ އައިއެސްއިން ލުބުނާނުގައި ހަމަލަދީ މަރާލި 41 މީހުންގެ ހަނދާނުގައި "ޕްރޭ ފޯ ލެބަނަން" ހޭޝްޓެގް ޓްރެންޑް ވެގެން ދިޔައިރު، އަނެއްކާ ވެސް ފާހަގަ ކޮށްލަން ޖެހެނީ ގިނަ މީހުންނަށް މި ހަމަލާގެ ވާހަކަ ވެސް އެނގުނީ ޕެރިސް ހަމަލާގެ ފަހުން ކަމެވެ.

ޕެރިސް ހަމަލާއަށް ފަހު ސޯޝަލް މީޑިއާ ރިއެކްޓު ކުރި ގޮތުން "ދުނިޔެ ކޮންޓްރޯލު ކުރަން އުޅޭ ފަރާތްތައް" ކަންބޮޑުވާނެއެވެ. އެ ފަރާތްތަކުން ކޮންޓްރޯލު ކުރާ ހަބަރު ފަތުރާ ވަސީލަތަކުން ފޮނުވާ ހަބަރަކަށް ވުރެ ކޮންމެސް އަވަށްގަނޑެއްގައި އުޅޭ އެކްޓިވިސްޓަކު އަޕްލޯޑު ކުރާ ރޮލާ އޮތް ހަގީގަތަށް އާންމުން ދޭ ސަމާލުކަން ބޮޑު ވާނަމަ އެއީ އެފަރާތްތަކަށް ބޮލުގައި ރިހުމެކެވެ. ދުނިޔޭގެ ވިންދު ހުރިގޮތް ސޯޝަލް މީޑިއާއިން ހަމަ ޔަގީނުންވެސް އެބަ ދައްކައިދެއެވެ.

ސުވާލުތައް އެބަ އުފައްދައެވެ. ބާންކީ މޫން އާއި، ބަރަކް އޮބާމާ އާއި، ސަލްމާން ރަސްގެފާނާއި ލާޑީމިއަރ ޕުޓިން އަށް ވެސް މި ސުވާލުތައް މިހާރު އިވޭނެއެވެ. ދުނިޔޭގެ އަހުލުންގެ ސުވާލުތަކަށް ދުނިޔޭގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތަކުން ޖަވާބުދޭ ތަނެއް އަދި ނުފެނެއެވެ.