ޔުކްރެއިންގައި ވަރަށް ތަފާތު ފެކްޓްރީއެއް ހުންނަކަން އެނގޭ ހެއްޔެވެ؟ ދަރިން ނުލިބޭ ދެމަފިރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މި ފެކްޓްރީއަށް ޒިޔާރަތް ކުރެ އެވެ. މިއީ ވިޔަފާރިއަށް ސަރަގަސީ ކޮށް ކުދިން އުފައްދާ ފެކްޓްރީ އެކެވެ. އަދި މިއީ ޔުކްރެއިންގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިންޑަސްޓްރީ ވެސް މެއެވެ. މި ވިޔަފާރި ކުރިއަރަމުންދާލެއް ހަލުއި ކަމުން "ބޭބީ ފެކްޓްރީޒް" ގެ ނަމުން މި ވިޔަފާރި ވަނީ މަޝްހޫރު ވެފަ އެވެ.
ކޮމާޝަލް ސަރަގަސީ ނުވަތަ ވިޔަފާރިއަށް ދަރިން އުފަން ކުރުން ހުއްދަ މަދު ގައުމުގެ ތެރޭގައި ޔުކްރޭން ހިމެނެ އެވެ. ސަރަގަސީ ބާތު އިންޑަސްޓްރީ މިހާ ބޮޑަށް މި ގައުމުގައި ކުރި އަރައިގެން ގޮސްގެން އުޅެނީ މިކަން ހުއްދަ ކަމަކަށް ވީމަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މި ފެކްޓްރީން އަހަރަކު 2500 އާއި 3000 އާ ދެމެދުގެ އަދަދެއްގެ ކުދިން އުފަން ކުރެ އެވެ. އޭއެފްޕީގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މި ފެކްޓްރީގައި ތިބޭ ސަރަގަސީ މަދާ އިންނަކީ ޔުކްރޭނު މީހުންނެވެ. އެމީހުން ވިހެއުމަށް ފަހު ބޭރު ގައުމެއްގެ މީހަކަށް އެ ކުއްޖާ ވިއްކާލަނީ އެވެ. މި ފެކްޓްރީގައި ވިއްސާ ކުދިން އެންމެ ގިނައިން ގަންނަނީ ޗައިނާ މީހުން ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
އިންޑިޔާ އާއި ތައިލެންޑްގައި ވެސް މިހާރު ކޮމާޝަލް ސަރަގަސީ ހުއްދަ ކޮށްފައި ވިޔަސް ޔޫކްރޭން ވަރަކަށް އެ ގައުމުތަކުގައި ވެސް މި ވިޔަފާރިއެއް ކުރިއަކަށް ނުދެ އެވެ. އަންދާޒާކުރެވޭ ގޮތުގައި ދުނިޔޭގެ ސަރަގަސީގެ ވިޔަފާރީގެ ބާޒާރުގެ އަގު މިހާރު ފަސް ބިލިއަން ޔޫރޯ އަށް އަރަ އެވެ.
މި ފެކްޓްރީން ދަރިއަކު ގަންނަން އެދޭ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ކައިވެނި ކޮށްގެން އުޅޭ އަންހެނަކާއި ފިރިހެނަކަށް ވާން ޖެހެ އެވެ. އަދި އެމީހުންނަށް ދަރިން ލިބުމުގެ ގާބިލްކަން ނެތްކަމުގެ ނުވަތަ އިންފާޓިލިޓީ ޑައިގްނޯސިސް ލިޔުމެއް އޮންނަން ޖެހެ އެވެ.
ޔުކްރޭންގައި ސަރަގޭޓް ޕްރެގްނަންސީއެއްގެ އެވްރެޖް އަގު އުޅެނީ 70،000 ޔޫރޯ އަށެވެ.
ސަރަގަސީ އިންޑަސްޓްރީގެ އަނދިރި ފަރާތް
މި އިންޑަސްޓްރީގެ ސަބަބުން ދަރިން ނުލިބޭ އެތައް ހާސް ދެމަފިރިއަކަށް ދަރިއަކު ލިބުމުގެ ހުވަފެން ހަގީގަތަކަށް ވެއެވެ. ނަމަވެސް ދަރިއަކު ހޯދަން އިންތިހާއަށް ބޭނުންވެފައިވާ އަންހެނުންގެ ނާޖާއިޒު ފައިދާ މި އިންޑަސްޓްރީން ވަރަށް ބޮޑަށް ނަގަ އެވެ. މި އިންޑަސްޓްރީއަކީ މާ ރަނގަޅު އިންތިޒާމުތަކެއް ކުރެވިގެން ހިންގާ އިންޑަސްޓްރީއަކަށް ނުވެފައި މީހުންގެ ނާޖާއިޒު ފައިދާ ނަގައި އެކި ކަހަލަ ގޯނާ ކުރުންތަކާއި ކޮރަޕްޝަންގެ ހާއްޔަކަށް މި ތަން ވަނީ ވެފަ އެވެ. އެހެންވެ މިއީ އޮންލައިންކޮށް ތުއްތުކުދިން ވިއްކާ ބައިނަލްއަގުވާމީ ފިހާރައެއްގެ ގޮތުގައި ބައެއް މީހުން މިތަން ސިފަ ކުރެ އެވެ.
މި އިންޑަސްޓްރީގައި މަސައްކަތްކުރާ ސަރަގޭޓް މަންމައިންގެ ވެސް ޝަކުވާ ގިނަ އެވެ. އެމީހުންނަށް ވައުދުވެފައިވާ ގޮތަށް ފައިސާ ނުދޭތީ އެވެ. މިފަދަ ބައެއް އަންހެނުން ބުނަނީ ބަލިވެ އިނދެ ވިހެއުމާ ދެމެދު ހޭދަވާ މުއްދަތުގައި އެމީހުން ގެންގުޅެނީ ވަރަށް ދަތި ހާލުގައި ޖައްސައިގެން ކަމަށެވެ.
އިނގިރޭސި ވިލާތުގެ ދެމަފިރިއެއް ކަމަށްވާ ބިއަންކާ އާއި ވިނީ ސްމިތު ދާދިފަހުން ޔުކްރޭނަށް ޒިޔާރަތް ކުރި އެވެ. އެމީހުންގެ ސަރަގޭޓް ބޭބީޒް ބަލަ އެވެ. އެމީހުން ބުނީ މި ފެކްޓްރީގެ ޚަބަރު އެމީހުންނަށް އެނގުނީ ފޭސްބުކް ޕޭޖަކުން ކަމަށެވެ. އަދި ސަރަގަސީގެ ޒަރިއްޔާއިން ދަރިއަކު ލިބެންދެން އެމީހުން ޔުކްރޭނަށް ޒިޔާރަތް ކުރަމުން ގެންދިޔަ ކަމަށް ވެސް އެމީހުން ބުންޏެވެ.
"ސާޅީސް ހާސް ޕައުންޑް ދީފައި ދެން ޖެހޭނީ އެކަން ކާމިޔާބު ވަންދެން އިރުއިރުކޮޅަކާ އެ ގައުމަށް ގޮސް ގޮސް ތިބެން. ބިސް ހަދިޔާ ކުރާ މީހުންނާއި ސަރަގޭޓް މަންމައިން އެމީހުން ކޮންމެ ފަހަރަކު ވެސް ބަދަލު ކުރަމުން ގެންދާނެ ކާމިޔާބު ވަންދެން،" ބިއަންކާ ބުންޏެވެ.
ނަމަވެސް ޔުކްރޭނަށް ޒިޔާރަތް ކުރަން ފެށުމުން މި އިންޑަސްޓްރީގެ ހަގީގަތް ބިއަންކާގެ ދެމަފިރިންނަށް ވަރަށް ގާތުން ފެނުނެވެ. ސަރަގޭޓް މަންމައިން ބައިތިއްބާފައި ތިބެނީ ޖަނަވާރުން ބައިތިއްބާ ގޮތަށް ކަމަށް އެމީހުން ބުންޏެވެ. އެއާ ކަންޑިޝަން ވެސް ނެތް މެޓާނިޓީ ވޯޑުގައި ވިހަންދެން އެމީހުން ބައިތިއްބާފައި ތިބޭއިރު ޖަނަވާރުން ގެންގުޅުމެކޭ ދާދި އެއްގޮތަކަށް އެމީހުން ގެންގުޅޭ ކަމުގެ އިހްސާސް ކުރެވޭ ކަމަށް އެ ދެމަފިރިން ބުންޏެވެ.
"އެމީހުން ތިބެނީ ސާފުތާހިރު ކަމެއް އެއްގޮތަކަށް ވެސް ނެތް ގޮނޑެއް ހެން އޮންނަ ތަނެއްގައި،" ބިއަންކާ ބުންޏެވެ.
ވަރަށް ގިނަ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ބަލިވެ އިނދެ ވިހާފައި ދަރިން އެހެން މީހުންނަށް ދޭން ޖެހުމުގެ ސަބަބުން އެގޮތަށް ދަރިން ވިހާ ސަރަގޭޓް މަންމައިންނަށް ނަފްސާނީ ގޮތުން ވަރަށް ނޭދޭވޭ އަސަރުތައް ކޮށް މުޅި އުމުރަށް އެމިޙުންނަށް ނަފްސާނީ މައްސަލަތަކާ ކުރިމަތިވެ އެވެ.