ލައިފްސްޓައިލް

ޔުކްރޭން މޮޑެލް ހިތްހަމަޖެހޭ ވަރަށް އަދިވެސް ކޯ ބޮޑެއް ނުވޭ!

ހަށިގަނޑަށް އެކި ކަހަލަ ބޮޑެތި ބަދަލުތައް ގެނައުމަކީ ބައެއް މީހުން މާ ކުރާހިތްވާ ކަމެކެވެ. ނަމަވެސް މިގޮތަށް ހަށިގަނޑުގެ އެކި ބައިތަކަށް ބަދަލު ގެނެސް ސޯޝަލް މީޑިއާގައި އެ ކަންކަން ހާމަކުރުމުން އެމީހުންނަށް ފާޑުކިއުމާއި މަލާމާތް ވެސް ރައްދުވެ އެވެ.

ބައެއް މީހުންގެ ނަޒަރުގައި ހަށިގަނޑަށް އެމީހަކު ބޭނުންވާ ބަދަލެއް ގެނައުމަކީ އޭނާގެ މިނިވަންކަމެވެ. އެކަމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވާ ކަމަށް މިގޮތަށް ހަށިގަނޑަށް ބަދަލުތައް ގެންނަ މީހުން ދައުވާ ކުރެ އެވެ.

ޔުކްރޭންގެ މޮޑެލް އަނަސްޓާސިއާ ޕޮކްރެޝްޗުކް އަކީ ވެސް މިގޮތަށް މޫނަށް ބޮޑު ބަދަލެއް ގެނެސްގެން މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. އޭނާ ބުނާ ގޮތުގައި "ދުނިޔޭގެ އެންމެ ކޯ ބޮޑު މީހާ"ގެ ރެކޯޑް މިހާރު އޮތީ އޭނާ އަށެވެ. ނަމަވެސް އޭނާގެ ކޮލަކީ ގުދުރަތީ ގޮތުން ބޮޑުވެފައިވާ އެއްޗެއް ނޫނެވެ. އެތައް އަހަރެއްގެ ސާޖަރީ އާއި ބޮޓޮކްސް، ލިޕް ފިލާ، ލިޕޯސަކްޝަން ފަދަ ކަންތައްތައް ކޮށްގެން އަމިއްލައަށް ބޮޑުކޮށްފައިވާ ކޮލެކެވެ.

ކޯ ބޮޑު ކުރިކުރީނުން އަނަސްޓާސިއާ ގުދުރަތީ ގޮތުން އުފެދިފައިވާ ސިފަ މިހާރު ވަނީ މުޅިން ގެއްލިފަ އެވެ. ނަމަވެސް އެވަރުން ވެސް އޭނާ ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ ދާދިފަހުން ކޯ ބޮޑުކުރަން އިތުރު ސާޖަރީއެއް އޭނާ ވަނީ ހަދާފަ އެވެ. މިހާތަނަށް 2100 އަށް ވުރެ ގިނަ ޑޮލަރު އަނަސްޓާސިއާ ވަނީ އޭނާގެ ކޮލުގެ އެކި ސާޖަރީ ތަކަށް ޚަރަދުކޮށްފަ އެވެ.

މިހާރު 34 އަހަރު ފުރިފައިވާ އަނަސްޓާސިއާ ކޯ ބޮޑުކުރަން ސާޖަނުން ކައިރިއަށް ދާން ފެށީ އުމުރުން 24 އަހަރުގަ އެވެ. އޭރުން ފެށިގެން މިހާތަނަށް ފައިތުވީ 10 ވަރަކަށް އަހަރު ތެރޭގައި ކޮލަށް އައިސްފައިވާ ބަދަލުންނާއި އޭނާގެ ސިފައަށް އައިސްފައިވާ ބަދަލުން މީހުން އޭނާއަށް މަލާމާތްކުރާކަން އަނަސްޓާސިއާ އަށް އެނގެ އެވެ. ނަމަވެސް މީހުން ކުރާ މަލާމާތަށް ވުރެ ކޯ ބޮޑު ވީމަ އޭނާ އަށް ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށް އޭނާ ބުނެ އެވެ.