ލައިފްސްޓައިލް

އެންސްޓާސިއާ: ބޭނުމީ ދުނިޔޭގެ އެންމެ ކޯ ބޮޑު މީހާއަށް ވާން

އެނަސްޓާސިއާ ޕޮކްރެޝްޗުކްއަކީ ޔޫކްރެއިންގެ މީހެކެވެ. އުމުރުން 32 އަހަރުގެ އެނަސްޓާސިއާއަކީ އިންސްޓަގްރާމް މޮޑެލް އެއް ވެސް މެއެވެ. "ދުނިޔޭގެ އެންމެ ކޯ ބޮޑު މީހާ" އަށް ވުމަކީ އެނަސްޓާސިއާ އެންމެ އެދޭ ގޮތެވެ.

ދާދިފަހުން އެނަސްޓާސިއާ ވަނީ އޭނާ ކޯ ބޮޑު ކުރަން މަސައްކަތް ފެށުމުގެ ކުރިން ނަގާފައިވާ ފޮޓޯއަކާއި ކޯ ބޮޑު ކުރަން ކޮސްމެޓިކް ސާޖަރީ ހަދަން ފެށުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. އޭނާ މި ދެ ފޮޓޯ ޝެއާ ކުރުމާއެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު އޭނާއަށް މަލާމާތްކޮށް ޓްރޯލް ކުރަން ފެށި އެވެ. ކުރިން ހުރި ރީތި ސޫރަ ގެއްލުވާލައިގެނެވެ.

އިންސްޓަގްރާމްގައި އެނަސްޓާސިއާ ފޮލޯކުރާ މީހުންގެ އަދަދު 255،000 އަށް ވުރެ ގިނަ އެވެ. އޭނާގެ މޫނުގެ ސާޖަރީތައް ހަދައިގެން މޫނަށް އަންނަ ބަދަލުތައް އޭނާ އަބަދުވެސް އޭނާ ފޮލޯކުރާ މީހުންނާ ދަނީ ޝެއާ ކުރަމުންނެވެ. އެގޮތުން އެންމެ ގިނަ ބަޔަކު އެންމެ ގިނަ ކޮމެންޓުތައް ކުރީ އޭނާގެ ކުރީގެ ފޮޓޮޔާއި މިހާރުގެ ފޮޓޮޔަށެވެ.

ފޮޓޯތަކަށް ކޮމެންޓުކުރި ބައެއް މީހުން ބުނަނީ އޭނާ ހީވަނީ މާވެލް މޫވީއެއްގެ ބަތަލާއެއް ހެން ކަމަށެވެ. ބައެއް މީހުން ވަރަށް ފާޑުކިޔައި ކޮމެންޓުތައް ކޮށްފައިވާއިރު އަނެއް ބަޔަކު ބުނީ އޭނާ ހިތްހަމަޖެހޭ ގޮތަކަށް ކަންތައް ކުރީމަ ރަނގަޅުވާނެ ކަމަށެވެ.

އެނަސްޓީސިއާ ކޯ ބޮޑު ކުރަން މަސައްކަތް ފެށީ މީގެ ހަ އަހަރު ކުރިންނެވެ. އުމުރުން 26 އަހަރުގައި އޭނާ މޫނުގެ ކޮސްމެޓިކް ސާޖަރީ ހަދައި ކޯ ބޮޑުކުރަން ފެށި އެވެ. އޭގެ ފަހުން މިހާތަނަށް ކޯ ބޮޑުކުރަން ކުރި ތަފާތު މަސައްކަތްތަކަށް ގިނަ އަދަދެއްގެ ފައިސާ އެނަސްޓީސިއާ ވަނީ ޚަރަދު ކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އެނަސްޓީސިއާ ބުނީ ކޯ ބޮޑުކުރަން މޫނަށް މިހާތަނަށް ކުރެވުނު ކަންތައްތައް ގުނާ އަދަދު ކުރަން ވެސް ނޭނގޭ ކަމަށެވެ. އަދި މި މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. މިހާރު އޭނާ ހުރީ ފާޑަކަށް އެކަމަށް ދެވިހިފާފަ އެވެ.

ކޮސްމެޓިކް ސާޖަރީ ހަދައިދޭ ޑޮކްޓަރުން ލައްވާ އެކަންކަން ކުރުވުމުގެ އިތުރުން އަމިއްލައަށް ވެސް މިހާރު އެނަސްޓީސިއާ ވަނީ އޭނާގެ މޫނަށް ތަފާތު އެއްޗެތި އިންޖެކްޓްކުރަން ފަށާފަ އެވެ. އަދި ރައްޓެހިންނަށް ވެސް އެކަން ކޮށްދޭ ކަމަށް އޭނާ ބުންޏެވެ.

"މީހުންނަށް ހީވެދާނެ ކޯ މިހާރު މާ ބޮޑޭ. ނަމަވެސް އަހަންނަށް ހީވަނީ އަދިވެސް ތަންކޮޅެއް ކުޑަހެން. އެހެންވެ ވަރަށް އަވަހަށް އަދި ޖެހޭނެ މޫނު އަލުން ތާޒާކޮށްލަން،" އެނަސްޓާސިއާ ބުންޏެވެ.