ލައިފްސްޓައިލް

ނުގޮވާ އޮތް ގްރެނޭޑެއް ނަގަން ހެދި ނުރައްކާ ބޮޑު ސާޖަރީ ކާމިޔާބު

ޔުކްރޭނުގެ މިލިޓަރީ ސާޖަނުންގެ ބިރުކުޑަ ޓީމަކުން ވަރަށް ނުރައްކާތެރި ސާޖަރީއެއް ހަދައިފި އެވެ.

މި ސާޖަރީ ކާމިޔާބުވުން ބެލެވެނީ 'މުއުޖިޒާތެއް' ފަދަ ކަމެއްގެ ގޮތުގަ އެވެ. މި ޓީމުން ހެދި މި ސާޖަރީއަކީ ޔުކްރޭންގެ ސިފައިންގެ މީހެއްގެ ހަށިގަނޑަށް ވަދެ ނުގޮވާ އިން ގްރެނޭޑެއް ނެގުމަށް ކުރި އޮޕަރޭޝަނެއް ކަމަށް އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން ބުނެފައި ވެއެވެ.

ސިފައިންގެ މީހާގެ ހަށިގަނޑުގައި ގްރެނޭޑް އޮއްވާ ފެންނަ އެކްސް-ރޭ އިމޭޖެއް ވެސް އާމްޑް ފޯސަސް އިން ސޯޝަލް މީޑީއާގައި ޕޯސްޓްކޮށްފައި ވެއެވެ. މި އެކްސްރޭ އިން ފެންނަ ގޮތުގައި ގްރެނޭޑް އިނީ ސިފައިންގެ މީހާގެ މޭގަ އެވެ.

މި ޕޯސްޓް ވައިރަލްވެ ގިނަ ބަޔަކު ދަނީ މި ސާޖަރީ ހެދި ޓީމުގެ ޑޮކްޓަރުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށް ކޮމެންޓްތައް ކުރަމުންނެވެ. ކޮންމެ ވަގުތެއްގައި ވެސް ގޮވުމުގެ ފުރުސަތު އިންތިހާއަށް ބޮޑު މި ގްރެނޭޑް ނަގަން ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކޮށްފައިވަނީ އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ކަމަށް ވާތީ އެވެ. މި ގްރެނޭޑް އަކީ ގްރެނޭޑް ލޯންޑާ އަކުން ފޮނުވާލާފައިވާ ގޮވާ އެއްޗެކެވެ.

ޔުކްރޭނުގެ އޮފީސް އޮފް ދަ ޗީފް އޮފް ޑިފެންސް، މޭޖާ ޖެނެރަލް އެންޑްރީ ވާބާ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ކޮށްފައިވަނީ އިލެކްޓްރޯކުއޯގްލޭޝަން އާ ނުލަ އެވެ.

މިއީ ސާޖަރީ ތެރޭގައި ލޭ އައުން ކޮންޓްރޯލްކުރުމަށް އާއްމުކޮށް ބޭނުންކުރާ މެތަޑް އެކެވެ. ސަބަބަކީ ގްރެނޭޑެއް ކޮންމެ ވަގުތެއްގައި ވެސް ގޮވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

ސާޖަރީ ހެދީ ގްރެނޭޑެއް ނެގުމަށް ޚާއްސަކޮށް ބޭނުންވާ ދެ ސެޕާ ވެސް ކައިރީގައި ތައްޔާރަށް ބާއްވައިގެން ކަމަށް ވެސް ޔުކްރޭން އާމްޑް ފޯސަސް އިން ބުނެފައި ވެއެވެ. ސަބަބަކީ އެމީހާގެ މެޔަށް ވަދެފައިވަނީ ލައިވް ގްރެނޭޑެއް ކަމަށް ވާތީ އޭގައި އަތްލެވޭ ގޮތަކުން ވެސް ގޮވާފާނެތީ އެވެ.