ޓެކްސް މާފު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީން ފާސް ކޮށްފި އެވެ.
އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމަށް އިސްލާހު ގެނައުމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި ބިލު އިތުރަށް ދިރާސާކޮށް މާލިއްޔަތު ކޮމެޓީން ވެސް އެ ބިލު އޮތީ ފާސް ކޮށްފަ އެވެ. މިއަދު މުޅި މަޖިލީހުގެ ކޮމެޓީން ވަނީ މާ ބޮޑު ބަދަލެއް ނުގެެނެސް ބިލު ފާސް ކޮށްފަަ އެވެ.
ބިލަށް ބަހުސްކޮށް މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 27 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއް މެމްބަރަަކު ވޯޓު ދެއްވި އެވެ.
ބިލުގައި ވާގޮތުން ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ދާނެ އެވެ އެގޮތަށް އިސްތިސްނާ ދެވޭނެ މުއްދަތު ގާނޫނަކުން ކަނޑައެޅުމުގެ ބަދަލުގައި އެ ބާރު ސީދާ ރައީސަށް ލިބި ދޭނެ އެވެ. ހަމަ އެހެންމެ އިސްތިސްނާ ކުރެވޭނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއް ވަން ޖެހޭނީ ވަޒީރުންގެ ލަފާ ހޯދައިގެނެވެ.
އާމްދަނީން ނަގާ ޓެކްސްގެ އިސްލާހުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 10 ޕަސެންޓް ވިތުހޯލްޑިން ޓެކުސް ނުނަގަން ވެސް މިއަދު ފާސްކުރި އެވެ.
އެ ދެ އިސްލާހަށް ވެސް މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ. އަދި ވިތު ހޯލްޑިން ޓެކްސް ނެގުން ހުއްޓާލުމުން ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި ކުންފުނިތައް ބިކަ ވެދާނެ ކަަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައި ވެއެވެ.
ބިލާމެދު އެންމެ ފަހުގެ ގޮތް ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.