މީރާ

އިންކަމް ޓެކްސް ބަޔާން ގިނަ ފަރާތްތަކަކުން ހުށަހަޅައިފައި ނުވޭ: މީރާ

އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ގިނަ ފަރާތްތަކަކުން އަދިވެސް ބަޔާން ހުށަހަޅައިފައި ނުވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިި އެވެ.

މީރާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޓެކްސް ދެއްކުމުގެ އެންމެ މުހިއްމު އެއް ސުންގަޑި ކަމުގައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. ނަމަވެސް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ގިނަ ފަރާތްތަކަކުން ބަޔާން ހުށަހަޅައިފައި ނުވާ ކަމަށެވެ.

ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކުގެ ތެރޭގައި އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ ފަރާތްތަކާއި ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ލިބޭ ގިނަ ފަރާތްތައް ހިމެނެ އެވެ.

އެގޮތުން ފަރުދަކަށް އެއްބާވަތަށް ވުރެ ގިނަ ބާވަތުގެ އާމްދަނީ ލިބިފައިވާނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ ލިބިފައިވާ ހުރިހައި އާމްދަނީއެއް ހިމެނޭ ގޮތުންނެވެ. މީގެ ތެރޭގައި ފަރުދަކަށް ލިބިފައިވާ އުޖޫރަ، ވިޔަފާރި އާމްދަނީ، ކޮންސަލްޓެންސީ ނުވަތަ ޓެކްނިކަލް ސާވިސް ފީ، ކޮމިޝަން، ކުލި، ހަދިޔާގެ ގޮތުގައި ލިބޭ އާމްދަނީ ނުވަތަ މުދަލެއް ތަސައްރުފުކޮށްގެން ލިބޭ ފައިދާ ހިމެނެ އެވެ.

އުޖޫރައިން ޓެކްސް ނަގަން ފަށައިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވާތީ 2020 ވަނަ އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހިމަނާނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބިފައިވާ އުޖޫރައިގެ ޖުމުލަ އެވެ. މިގޮތަށް ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަން ނިންމާފައިވަނީ އިސްތިސްނާ އާމްދަނީ ނުހިމަނަ އެވެ.

މިދޔަ އަހަރުގެ އިންކަމް ޓެކްސް ބާޔާން ހުށަހަޅަންޖެހޭނީ އެ ފަރާތަކަށް ލިބިފައިވާ ޖުމުލަ އާމްދަނީ ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 ރުފިޔާ އަށް ވުރެ އިތުރުވާނަމަ އެވެ. އެހެން ނަމަވެސް އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ އަކީ ހަމައެކަނި އުޖޫރަ ދޭ އެންމެ ފަރާތަކުން ލިބިފައިވާ އާމްދަނީ ކަމުގައިވާނަމަ ބަޔާން ހުށަހަޅާކަށް ލާޒިމެއް ނުވާނެ އެވެ.

"ޑީމްޑް ޕާޓްނަޝިޕް" ތަކުން 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބާޔާން ހުށަހަޅަންޖެ ހޭނީ 2020 ވަނަ އަހަރު ލިބިފައިވާ ޖުމުލަ އާމްދަނީ ދެ މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ ފަސްލައްކަ ރުފިޔާއަށް ވުރެ އިތުރުވާނަމަ އެވެ. އެހެންނަމަވެސް ކުންފުނި، ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީސްތަކުން ލިބިފައިވާ އާމްދަނީއަށް ބެލުމެއްނެތި 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހެ އެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ފާއިތުވެފައިވި ނަމަވެސް، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް ބަޔާން ހުށަހެޅުމަށް މީރާ އިން އިލްތިމާސްކުރެ އެވެ. އަދި ބަޔާން ފުރިހަމަކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ އެހީތެރިކަން ހޯދުމަށް ވެސް އެދިފައިވެ އެވެ.

އިންކަމް ޓެކުހަކީ ކުރިން ބީޕީޓީ ނިޒާމުގެ ދަށުން ވެސް އަމަލުކުރަމުންދިޔަ ގޮތަށް، އަހަރަކަށް ދެ އިންޓެރިމް އަދި އެއް ފައިނަލް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހެކެވެ.