މީރާ

ކޮތަޅު ޓެކްސްގެ އާމްދަނީ ހަތް މިލިއަން ރުފިޔާ

ޕްލާސްޓިކް ކޮތަޅުން މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ނަގަން ފެށި ފީ އިން ދައުލަތަށް ލިބޭ އާމްދަނީ މައްޗަށް ޖެހެމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މެއި މަހު ކޮތަޅު ޓެކްސްގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ ޖޫން މަހު 778،693 މިލިއަން ރުފިޔާގެ އާމްދަނީއެއް ކޮތަޅު ޓެކްސްގެ ގޮތުގައި ލިބިފައިވެ އެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު ކޮތަޅު ޓެކްސްގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހު 1.7 މިލިއަން ރުފިޔާ ކޮތަޅު ޓެކްސްގެ ގޮތުގައި ލިބިފައިވެ އެވެ.

މިދިޔަ ހަތަރު މަހުގެ އާމްދަނީއަށް ބަލާއިރު ކޮތަޅު ޓެކްސްގެ ގޮތުގައި ދައުލަތަށް 7.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން އެޕްރީލް 18 ވަނަ ދުވަހުން ފެށިގެންނެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.

ގާނޫނުގެ އެ މާއްދާ އިސްލާހުކުރަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.