މީރާ

މިދިޔަ މަހު މީރާއަށް 783 މިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިފައި ވަނީ 783 މިލިއަން ރުފިޔާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނީ މިއީ މިދިޔަ މަހަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 16.7 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

މިދިޔަ އަހަރުގެ މޭ މަހު ލިބުނު އާމްދާނީއާއި އަޅާ ބަލާއިރު މިއަހަރުގެ މޭ މަހުގެ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ. މިދިޔަ އަހަރުގެ މޭ މަހު ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދުކޮށް، އެއާޕޯޓު ބޯޑަރު ބަންދުކުރުމުގެ ސަބަބުން ޓޫރިޒަމާއި އެހެން ދާއިރާތަކަށް ގެއްލުންވި ކަމަށް މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 496 މިލިއަން ރުފިޔާ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 52.68 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 33.44 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައި ވަނީ 32.74 މިލިއަން ރުފިޔާ އެވެ.

މީރާ އިން އިތުރަށް ބުނީ މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 32.79 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.