މީރާ

މީރާއިން މިއަހަރު އިސްކަންދޭނެ ފަސް ކަމެއް

Jan 6, 2022

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން "ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން" އާންމު ކޮށްފި އެވެ.

މިއަހަރުގެ ޕްލޭންގައި ޓެކްސް ދައްކާ މީހުން ގާނޫނުތަކާ ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރު ކުރަން ފަސް ކަމެއް ކުރަން ހިމަނާފައިވެ އެވެ. ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރޭ ޓެކްސް ދައްކާ މީހުނާއި އާންމުން ޓެކުހަށް ހޭލުންތެރިކުރުވުމާއި، ވަކިވަކި ސިނާއަތްތަކުގައި އުޅޭ އާމްދަނީ ލިބޭ މީހުން ރަޖިސްޓަރީ ކުރުވުން ހިމެނެ އެވެ. އަދި ކުދި ވިޔަފާރިތަކުގެ ޓެކްސް ކޮމްޕްލަޔަންސް އިތުރު ކުރަން އެހީތެރިވެ ދިނުމާއި ބޮޑު އަދި މެދު ފަންތީގެ ޓެކްސް ދައްކާ މީހުން ޓެކުހާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާކަން ޔަގީންކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން، ޓެކްސް ނުދައްކާ މީހުންނާއި ޓެކުހަށް މަކަރު ހަދާ މީހުން ދެނެގަނެ، އެ މީހުންނަށް ފިޔަވަޅު އެޅުން ވެސް މި ޕްލޭންގައި ހިމަނާފައިވެ އެވެ.

މީރާއިން އެންމެ ފުރަތަމަ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން އާންމުކޮށްފައިވަނީ މިދިޔަ އަހަރު އެވެ.

މީރާއިން ބުނީ ކޮވިޑް-19 ގެ ސަބަބުން ޓެކްސް ކޮމްޕްލަޔަންސަށް މިދިޔަ އަހަރު ކުރިމަތިވި ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ޓެކްސް ދައްކާ މީހުންނަށް ގިނަ ލުއިތަކެއް މިއަހަރު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަމުން ދިޔަ ފިޔަވަޅުތައް ވެސް މިވަގުތަށް ވަނީ ހުއްޓާލާފަ އެވެ.