މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމުގެ ގޮތުން އަމަލުކުރާނެ ފަސް އުސޫލެއް އެ އޮތޯރިޓީ އިން އާންމުކޮށްފި އެވެ.
ޓެކްސް އަދާނުކުރާ ފަރާތްތަކާ މެދު އަޅާ އެކި ފިޔަވަޅުތަކާ ގުޅޭ ފަސް އުސޫލެއް މީރާއިން މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ. މީރާއިން ބުނިގޮތުގައި ކޮވިޑް-19ގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކާ އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދިމާވި ހީނަރުކަމަށް ރިއާޔަތްކުރުމަށްފަހު އެފަރާތްތަކަށް ލުއިތަކެއް ވަނީ ދީފަ އެވެ.
އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެންފޯސްމަންޓް ފިޔަވަޅު އެޅުން ހުއްޓާލައިފައިވާ ކަމަށް މީރާއިން ބުންޏެވެ. ނަމަވެސް އަންނަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަމަށް މީރާއިން ވަނީ ބުނެފަ އެވެ.
މީރާއިން އާންމުކޮށްފައިވާ އުސޫލުތައް
- ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު
- ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
- އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު
- ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
- ޖޫރިމަނާ ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު
މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތައް އެ ފަރާތްތަކުގެ ޓެކުހުގެ އިލްތިޒާމުތައް ފުރިހަމައަށް އަދާ ކުރުމަށް އިލްތިމާސްކޮށްފަ އެވެ. މި އުސޫލުތަކަށް ޢަމަލުކުރަން ފެށުމާއެކު މިހާރު ތަންފީޒުކުރަމުންދާ "މީރާގެ އެންފޯސްމަންޓް ޕޮލިސީ" އުވިގެންދާނެ ކަމަށް މީރާއިން ބުނެ އެވެ.