މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ އާމްދަނީން 15.3 ބިލިއަން ރުފިޔާ ނުލިބޭކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
މީރާއިން އާންމު ކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ބަޔާނުގައިވާ ގޮތުން ޓެކުހުގެ ގޮތުގައި މީރާއަށް ލިބެންޖެހޭ 15.3 ބިލިއަން ރުފިޔާ މިއަހަރުގެ ސެޕްޓެމްބަރާއި ހަމައަށް ނުލިބެ އެވެ. މީގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބިވާ 1.3 ބިލިއަން ރުފިޔާ ހިމެނެ އެވެ.
ޓެކްސް ދެއްކުމަށް ފަހު ފަހަރު އަންގާފައިވާ ފަރާތްތަކުގެ ތެރޭގައި ބަޔާން ހުށަނާޅާ 13،600 ފަރާތަކާއި ފައިސާ ނުދައްކާ 12،685 ފަރާތެއް ހިމެނޭކަން ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ޓެކުހުގެ ފައިސާ ދައްކާ ހަލާސް ކުރުމަށް ދީފައިވާ އިންސްޓޯލްމެންޓް ޕްލޭންގައި 134 ފަރާތަކަށް ފުރުސަތު ދީފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. މި ފަރާތްތަކުން ދައްކަންޖެހޭ ޖުމުލަ އަދަދު 577 މިލިއަން ރުފިޔާއަށް އަރަ އެވެ.
ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ޖުމުލަ 484 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ބަޔާނުގައިވެ އެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދި ގޮތްވެސް މީރާގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޑިއުޒް ކްލިއަރެންސް މެދުވެރިކޮށް 103 މިލިއަން ރުފިޔާ ހޯދާފައިވާއިރު ހަނދާންކޮށްދިނުމުގެ ގޮތުން ގުޅައިގެންނާއި އަދި އީމެއިލް ފޮނުވައިގެން 13 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން 414،973 ރުފިޔާ ވަނީ ހޯދާފަ އެވެ.
ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ އަދަދު 1،342 ފަރާތަކަށް މާފު ކޮށްދީފައިވެ އެވެ. މީގެ ތެރޭގައި ސަރުކާރު ހިއްސާވާ 11 ކުންފުންޏެއްވެސް ހިމެނެ އެވެ. މާފުކޮށްދީފައިވާ ޖޫރިމަނާގެ ޖުމުލަ އަދަދު 44 މިލިއަނަށްވުރެ ގިނަ އެވެ.
މީރާއަށް ތިންވަނަ ކުއާޓަރުގެ ތެރޭގައި ޖުމުލަ ލިބިފައިވަނީ 5.40 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 38 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި އަންދާޒާ ކުރިވަރަށްވުރެ 41 އިންސަތައިގެ ކުރިއެރުމެކެވެ.
މީރާގައި ޖުމުލަ 74,970 ފަރާތަކުން ޓެކުހަށް ރެޖިސްޓްރީކޮށްފައިވެ އެވެ. މީގެ ތެރޭގައި އެންމެ ގިނަ ފަރާތްތަކުން ރަޖިސްޓްރީކޮށްފައިވަނީ އިންކަމް ޓެކްސްއަށެވެ.