ޓެކްސް

ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަނީ

May 18, 2022
1

ފިހާރަތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން އެ ކޮތަޅުގެ ލެވީ (ކޮތަޅުން ނަގާ ޓެކްސް)ގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނެގޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އެވެ.

ބިލްގެ 33 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ފިހާރަތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން އެ ކޮތަޅުގެ ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނުވަތަ އެހެން ފައިސާ އަކުން ނަމަ ދެ ރުފިޔާއާ އެއްވަރު އަދަދަކަށް ފައިސާ ނެގޭނެ ކަމަށެވެ.

ލެވީ ނުނެގޭ ޕްލާސްޓިކް ކޮތަޅު

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި
  • ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާ އަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބންލައިނަރ"

ބިލްގައިވާ ގޮތުން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުން، މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމުވާނެ އެވެ. ނަމަވެސް އެ މުއްދަތުގެ ފަހުން ލެވީ ނެގޭނީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ފިޔަވައި ދިވެހިރާއްޖޭގައި ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކް ބާވަތްތައް މަދުކުރުމާ ގުޅޭ ގަވައިދެއް މިގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަސް ތެރޭގައި ކަމާ ގުޅޭ މިނިސްޓްރީން އެކުލަވާލާ ގެޒެޓްކުރުމުންނެވެ.

ވިޔަފާރިތަކުން ކަސްޓަމަރަށް ދޫކުރާ އިންވޮއިސް ނުވަތަ ރަސީދުގައި ވިޔަފާރިތަކުން ކަސްޓަމަރުގެ އަތުން ނެގި ޕްލާސްޓިކް ކޮތަޅުގެ ލެވީގެ މިންވަރު ވަކިން އެނގޭނެހެން ހިމެނުމަށްވެސް ބިލްގައި ހިމަނާފައިވެ އެވެ. ޕްލާސްޓިކް ކޮތަޅުގެ ލެވީ އިން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ގުޑްސް އެންޑް ސާވިސަސް ޓެކްސް -- ޖީއެސްޓީ ނުނެގޭނެ ކަމަށް ބިލްގައިވެ އެވެ. މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާ އަށް ދެއްކުން ވެސް ބިލްގައި ލާޒިމްކޮށްފައިވެ އެވެ.

މީރާގައި ޖީއެސްޓީ އަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށާއި އެފަރާތްތަކުގެ މައްޗަށް ލެވީއާ ގުޅޭ ކަންކަން ތަންފީޒުކުރުމަށް އެކުލަވާލަންޖެހޭ ގަވައިދު، މިގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި މީރާ އިން އެކުލަވާލަންޖެހެ އެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ ބާތިލްކޮށްފިނަމަ ނުވަތަ މީރާގައި ރަޖިސްޓްރީކޮށްފައި ނުވާނަމަ މި ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ އެފަރާތުން މީރާ އަށް ދައްކާކަށް ނުޖެހޭނެ އެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކުން މި ގާނޫނުގައިވާ ގޮތުގެ މަތިން ނަގާ ލެވީ ހޭދަކުރަންވާނީ މި ގާނޫނުގެ ދަށުން ކަމާ ގުޅޭ މިނިސްޓްރީން އެކުލަވާލާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ބިލްގައި ބުނެފައިވެ އެވެ. އަދި އެފަދަ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުގެ ތެރެއިން ޕްލާސްޓިކް ކޮތަޅުގެ ލެވީ ނަގަމުންދާ ކަން، ކަމާ ގުޅޭ މިނިސްޓްރީން ކަށަވަރުކުރަންވާނެ ކަމަށްވެސް ބިލްގައިވެ އެވެ.

މިބިލްގައިވާ ގޮތުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ލެވީ ނަގާ މުއްދަތަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެ ފަރާތެއްގެ ޓެކްސް ނެގޭ މުއްދަތެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ލެވީ ނެގޭ މުއްދަތަށް ޕްލާސްޓިކް ކޮތަޅުގެ ލެވީގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ މިންވަރު، މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ހިސާބުކުރުމަށްފަހު، އެ މުއްދަތުގެ ޖީއެސްޓީ ބަޔާނުގައި ހިމަނައިގެން މީރާއަށް އެ މައުލޫމާތު ހުށަހަޅަންޖެހެ އެވެ. އެ މައުލޫމާތު ހުށަހެޅުމުގެ ސުންގަޑިއަކީ އެ ފަރާތަކުން ހުށަހަޅަންޖެހޭ ޖީއެސްޓީ ބަޔާން ވެސް ހުށަހެޅުމުގެ ސުންގަޑި އެވެ.

ލެވީގެ ގޮތުގައި ނަގާ ފައިސާގެ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައި އާއި ރެކޯޑު ބެލެހެއްޓުމަށް އެކަމާ ގުޅޭ ގަވައިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި އެކުލަވާލުމަށްވެސް ބިލްގައި ހިމަނާފައިވެ އެވެ. އެހެން ގާނޫނެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު މި ގާނޫނުގެ ދަށުން ބަަލަހައްޓަންޖެހޭ ރެކޯޑު ބަލަހައްޓާނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ބިލްގައިވެ އެވެ.

މީރާ އަށް ޓެކްސް ދައްކަން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އެ އޮތޯރިޓީއަށް ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ ސުންގަޑީގައި ލެވީ ވެސް މީރާ އަށް ދައްކަންޖެހެ އެވެ. އެކަމަކު ލެވީގެ ގޮތުގައި ދައްކާ ފައިސާއާއި ޖީއެސްޓީ ދައްކަންޖެހެނީ ވަކިކޮށްގެންނެވެ. ބިލްގައިވާ ގޮތުން ލެވީގެ ގޮތުގައި ދައްކާ ފައިސާ ޖަމާކުރަންވާނީ މޯލްޑިވްސް ގްރީން ފަންޑަށެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަކީ މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އާމްދަނީ އިތުރުކުރުމަށް އަލަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ވެސް ހިމެނޭ ޓެކްސް އެކެވެ.