މީރާ

މީރާއަށް މިދިޔަ އަހަރު 22 ބިލިއަން ރުފިޔާގެ އާމްދަނީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 22 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 889 މިލިއަން ޑޮލަރު -- 13.7 ބިލިއަން ރުފިޔާ ހިމެނެވެ.

މީރާއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ 2021 ވަނަ އަހަރަށް ވުރެ 6.2 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. 2021 ވަނަ އަހަރު މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނީ 15.7 ބިލިއަން ރުފިޔާ އެވެ.

އެންމެ ބޮޑު އާމްދަނީއެއް މިދިޔަ އަހަރު ދައުލަތަށް ލިބުނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް -- ޖީއެސްޓީ އިންނެވެ. ޖުމްލަ އާމްދަނީގެ 44.4 ޕަސެންޓަކީ ޖީއެސްޓީއިން ލިބުނު އާމްދަނީ އެވެ.

ޖެނެރަލް ޖީއެސްޓީ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އިން މިދިޔަ އަހަރު 9.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ. އެއީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާ އާއި ޖެނެރަލް ޖީއެސްޓީގެ ގޮތުގައި ލިބުނު 3.1 ބިލިއަން ރުފިޔާ އެވެ.

މީރާއަށް މިދިޔަ އަހަރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސް އިންނެވެ. އެއީ ލިބުނު އާމްދަނީގެ 19.9 ޕަސެންޓެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 4.3 ބިލިއަން ރުފިޔާ ލިބުނެވެ.

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 972 މިލިއަން ރުފިޔާ ލިބުނުއިރު އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 805 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 787 މިލިއަން ރުފިޔާ ލިބުނެވެ.