ދުނިޔެ

މޫނު ބަދަލުކުރަން މިހާތަނަށް ކުރި އެންމެ ބޮޑު އޮޕަރޭޝަން!

ޕެޓްރިކް ހާޑިސަންގެ މޫނު ބަދަލުކުރުމުގެ އޮޕަރޭޝަންގެ އެކި މަރުހަލާތަކުގައި ނަގާފައިވާ ފޮޓޯތަކެއް.
0%
0%
0%

މީހެއްގެ މޫނު ބަދަލު ކުރުމަށް ދުނިޔޭގައި މިހާތަނަށް ކުރި އެންމެ ބޮޑު އޮޕަރޭޝަން އެމެރިކާގެ ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބު ކޮށްފިއެވެ. މިއީ ހިލޭސާބަހަށް މަސައްކަތްކުރާ އަލިފާން ނިއްވާ މީހެއް ކަމަށްވާ ޕެޓްރިކް ހާޑިސަންގެ މޫނު ބަދަލުކުރުމަށް ކުރި 26 ގަޑިއިރުގެ ދިގު އޮޕަރޭޝަނެކެވެ.

ހާޑިސަންގެ މުޅި މޫނު އެއްކޮށް އެނދީ ރޯވެފައިވާ ގެއަކުން އަންހެނަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

41 އަހަރުގެ ހާޑިސަންއަށް މޫނު ހަދިޔާކުރީ އެކްސްޓްރީމް ބައިސްކަލު ދުއްވުންތެރިއެއް ކަމަށްވާ 26 އަހަރުގެ ޑޭވިޑް ރޮޑެބައޯއެވެ. ރޮޑެބައޯ މޫނު ހާޑިސަންއަށް ހަދިޔާކުރަން ރޮޑެބައޯގެ މަންމަ ހުއްދަދިނީ ބައިސްކަލް ދުއްވަނިކޮށް ހިނގި އެކްސިޑެންޓެއްގައި ސިކުންޑީގެ ހިނގުން އެއްކޮށް ހުއްޓި ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލުމުންނެވެ.

މޫނު ބަދަލުކުރުމުގެ މި ބޮޑު އޮޕަރޭޝަނުގައި ހާޑިސަންގެ ބޮލުގެ ހަންގަނޑާއި، ކަންފަތާއި، ނޭފަތާއި، ތުންފަތާއި ލޮލުގެ ބޭރުވަނީ އެއްކޮށް ބަދަލުކޮށްފައެވެ. މި އޮޕަރޭޝަނުގައި ޑރ. އެޑުއާޑޯ ރޮޑްރިގޭޒްއާއި އެކު ސިއްހީ ދާއިރާގެ 150 މީހުން ބައިވެރިވިއެވެ. ޑރ ރޮޑްރިގޭޒް ވިދާޅުވީ ކާމިޔާބުކަމާއެކު މި އޮޕަރޭޝަން ނިންމާލެވުނީ މިކަމުގައި ބައިވެރިވި މީހުން އެއް އަހަރު ދުވަސް ވަންދެން މިކަމަށް ތައްޔާރު ވުމަށް ކުރި ބުރަ މަސައްކަތާއި އެތައް ތަމްރީނުތަކެއްގެ ސަބަބުން ކަމަށެވެ. އަދި މިއީ އެއްފަހަރުން ކާމިޔާބު ކުރަން ޖެހޭ ފަދަ ނާޒުކު އޮޕަރޭޝަނެއް ކަމުން މޫނުގެ ކޮންމެ މަސްކޮޅެއްވެސް، ނާރެއްވެސް އަދި ކަށިކޮޅެއްވެސް ހަރުކުރަން ޖެހުނީ ސީދާ މިނުން މިނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައްބީސް އަހަރުގެ މޫނަކާއެކު ސާޅީސް އެއް އަހަރުގެ ހާޑިސަން މިހާރު ހުރީ އުފަލުން ފުރިފައެވެ. އޭނާ އަށް މި ބޮޑު އޮޕަރޭޝަން ކޮށްދީ، މިކަމަށް ބެނުންވާ މިލިއަނެއްހާ ޑޮލަރު ހަދިޔާކުރި ނިއުޔޯކް ޔުނިވަސިޓީއަށާއި އެތަނުގެ މެޑިކަލް ޓީމަށާއި މޫނު ހަދިޔާކުރި ފަރާތަށް އޭނާ ވަނީ ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.

މިހާރު އޭނާއަށް ލޯމަރާލައިގެން ނިދާލެވެއެވެ. އެއްކޮށް ފިހިފައިވާ ބައްޕަގެ މޫނު ފެނުމުން ބިރުން އުޅުނު އޭނާގެ ދަރިންނާއި އެކު ވިޔަފާރިކޮށްލަން މިއަދު ނުކުމެ އުޅޭއިރު ހާޑިސަންގެ މޫނުން މާބޮޑު ތަފާތެއް އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވެއެވެ. ހާޑިސަންގެ މިލިއަން ޑޮލަރުގެ މޫނު ވަރަށްވެސް އުޖާލާއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910