ރައީސް މައުމޫން އަބްދުލްގައްޔޫމް

ބަރުލަމާނީ ނިޒާމަކަށް ޖާގައެއް ނެތް، ވަރަށް ސާފު: މައުމޫން

Jul 6, 2021
1

ރާއްޖެ އަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަނެއްކާ ވެސް ރައްދުދެއްވައިފި އެވެ.

ރައީސް މައުމޫން ވެރިކަމުގެ ނިޒާމުގެ މައްސަލާގައި އަނެއްކާ ވެސް ރައީސް ނަޝީދަށް ރައްދު ދެެއްވާފައި މިވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަވާނެ ކަމަށް ރައީސް ނަޝީދު މީގެކުރިން ވިދާޅުވުމާ ގުޅިގެން އޭރުވެސް ރައީސް މައުމޫން ވަނީ ރައީސް ނަޝީދަށް ރައްދުދެއްވާފަ އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތާ އެންމެ ގުޅޭ އަދި ރާއްޖެއަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީނިޒާމު ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވަނީވެސް ހަމަ ރިޔާސީ ނިޒާމު. ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް. ވަރަށް ސާފު" ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް "އާސްކް ސްޕީކާ"ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމު ތަކުގެ ތެރެއިން ރޭގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކުރައްވާ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމެއް ކަނޑައެޅުން
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމެއް ކުރިއަށް ގެންގޮސްފަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، ނޫނީ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދީފަ އެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުުންނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލުވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވުމުން ބޮޑުވަޒީރަކަށް އެމަނިކުފާނުގެ ނަން ހުށަހަޅުއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިއަށް ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވިއްޖެނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.