ކޮންމެ ގައުމެއްގައި ވެސް ކުރީގެ ބޮޑުވަޒީރުންނާއި ކުރީގެ ރައީސުންނަކީ ހާއްސަ އިމްތިޔާޒެއް ތަކެއް ލިބިވަޑައިގަންނަވާ ބޭފުޅުންނެވެ. އެބޭފުޅުންގެ ގައުމީ ހިދުމަތުގެ އަގު ވަޒަންކުުރުމުގެ ގޮތުން އެ ދައުލަތަކަށް ކެރިކުޅަދާނަވީ ވަރަކުން އިނާޔަތާއި ސިއްހީ ފަރުވާއާއި ސެކިއުރިޓީ ހަމަޖައްސައިދެ އެވެ. އެކަން އެގޮތަށް ކުރަނީ އެ ބޭފުޅުން މަގުމަތިވިޔަ ނުދީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުންނެވެ. ރާއްޖޭގައި ވެސް ކުރީގެ ރައީސުންނާ މެދު އަމަލުކުރަނީ އެ އުސޫލުންނެވެ. އެކަމަކު ކުރީގެ ބައެއް ރައީސުންގެ އަމަލުތައް ބަހައްޓަވާ ގޮތުން އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތާއި ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީއާ މެދު ވިސްނަންޖެހިފައިވާ ކަމަށް ގަބޫލުކުރެވެ އެވެ.
ރާއްޖޭގައި ކުރީގެ ރައީސުންގެ އިންތިޒާމުތައް ހަމަޖައްސަނީ ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނަށް އަމަލުކުރަން ފެށީ 2009 ވަނަ އަހަރު އެވެ. އޭރު އެ ގާނޫނުގެ ދަށުން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
ގާނޫނުގެ ތިންވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000 ރުފިޔާ ދައުލަތުން ދޭން ވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަން އެއް ދައުރަށް ވުރެ ގިނަ ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75،000 ރުފިޔާ ދައުލަތުން ދޭން ވާނެ ކަމަށެވެ. މިމާއްދާގެ (ށ)ގައި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މަރުވެއްޖެނަމަ، އެމީހާގެ އަނބިމީހާ އަށް، އޭނާ އެހެން ކައިވެންޏެއް ކުރަންދެން ނުވަތަ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު، މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މާލީ އިނާޔަތް ދައުލަތުން ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ގާނޫނުގެ ހަތަރުވަނަ މާއްދާގެ ދަށުން ކުރީގެ ރައީސުން ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު 50،000 ރުފިޔާ ވެސް ލިބިވަޑައިގަންނަވަ އެވެ. މީގެއިތުރުން ގާނޫނުގެ އަށްވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކު "މުޖުތަމައުއަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި" އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި، އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175،000 ރުފިޔާއަ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ހަމަޖައްސައިދޭންޖެހޭނެ ކަމަށްވެސް ގާނޫނުގެ ހަތްވަނަ މާއްދާގައިވެ އެވެ. ހަތްލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނުވާ ގޮތަށް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ސިއްހީ ފަރުވާ ހޯއްދެވިދާނެ އެވެ. މީގެއިތުރުން ރާއްޖޭގައި ކުރާ ދަތުރުތަކުގެ ހުރިހާ އިންތިޒާމެއް އެމްއެންޑީއެފުން ހަމަޖައްސައިދޭނެ އެވެ.
ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް މިގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.
ގާނޫނުގައިވާ ގޮތުން ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ޖެހެނީ ފަސް އަހަރުގެ އެއް ދައުރު ފުރިހަމަ ކުރުމުންނެވެ. ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ގާނޫނުގައި ބުނާ ފަސް އަހަރުގެ އެއް ދައުރު ފުރިހަމަ ކުރެއްވި ބޭފުޅުންނެއް ނޫނެވެ. ރައީސް ނަޝީދު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ވެރިކަމުގައި ހުންނަވަނިކޮށް ކުރިމަތިވި ސިޔާސީ ބޮޑެތި ފިއްތުއްތަކާ އެކު ފެބްރުއަރީ 7، 2012 ގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެކަމާ ގުޅިގެން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ދައުރުގެ ބާކީ ދުވަސްތަކުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ފުރުއްވީ ރައީސް ވަހީދެވެ.
ރައީސް ނަޝީދު ވެރިކަމުގެ ދައުރެއް ފުރިހަމަ ނުކުރެއްވި ނަމަވެސް އެމަނިކުފާނަށް ކުރީގެ ރައީސުންގެ އިނާޔަތް ހަމަޖެއްސެވީ ރައީސް ވަހީދުގެ "ހެޔޮފުޅުކަމުން" އެ ވެރިކަމުގަ އެވެ. އެކަމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރުހުން ވެސް އޮވެގެން ކުރީގެ ރައީސް ނަޝީދަށް އެ ދުވަހުން ފެށިގެން ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ބޭފުޅަކަށް ލިބިވަޑައިގަންނަވާ ހުރިހާ އެއްޗެއް ލިބިވަޑައިގަންނަވަ އެވެ. ކުރީގެ ރައީސުންގެ އެލަވަންސް ރައީސް ވަހީދަށް ވެސް ލިބިވަޑައިގަންނަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައީސް ނަޝީދަށް އެލަވަންސް ދޭން އޭރުގެ ބަންޑާރަނައިބް ދެއްވި ގާނޫނީ ލަފާތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ކުރީގެ ރައީސުންގެ އިނާޔަތް ބަހުސަކަށްވުން
ކުރީގެ ރައީސުންގެ އިނާޔަތް މިވަގުތު ކުއްލިއަކަށް އާންމު ބަހުސަކަށްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޮވެމްބަރު 28، 2019 އިން ނޮވެމްބަރު 30، 2021 އަށް ޖަލު ހުކުމެއްގައި ހުންނެވިއިރު ލިބިވަޑައިގަންނަވަންޖެހޭ އިނާޔަތުގެ ބައެއް -- 2.4 މިލިއަން ރުފިޔާ ހޯއްދަވަން ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންނެވި ހިސާބުންނެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވި މުއްދަތަކަށް އެކަނި ވެސް 6.6 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވަންޖެހެ އެވެ. ރައީސް ޔާމީން އިނާޔަތަށް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރުމާ ގުޅިގެންނެވެ.
ވަޒީފާގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު ރައީސް ޔާމީން މިހާރު ހޯއްދަވަން ހުށަހަޅުއްވާފައިވާ އިނާޔަތަށް އެދިވަޑައިގަތުމަކަށް ގާނޫނީ ހުރަހެއް އޮތް ކަމަކަށް ނުބެލެވެ އެވެ. ކުރީގެ ރައީސުންނަށް އިނާޔަތް ލިބިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވީތީ ދައުލަތުން ފޯރުކޮށްދޭ ޝަރަފުވެރި އިނާޔަތެއްގެ ގޮތުގައި ކަމަށްވެފައި، ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓާއި ހައިކޯޓުން ސާބިތުވާ ކަމަށް ކަނޑައެޅި ދައުވާ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ބާތިލްކުރުމާ ގުޅިގެން އެމަނިކުފާނުގެ މައުސޫމު ކަން ކޯޓުން އެވަނީ ކަނޑައަޅާފަ އެވެ.
ރަައީސް ޔާމީނަށް ލިބިވަޑައިގަންނަވަންޖެހޭ ކުރީގެ ރައީސުންގެ އިނާޔަތް ހޯއްދެވުމަށް ދެ ގޮތަކަށް އެމަނިކުފާނަށް މަސައްކަތް ކުރެއްވޭނެ އެވެ. އެމަނިކުފާނު އެކަމުގައި ހިޔާރުކުރައްވާފައި އެވަނީ އެ އިނާޔަތް ހޯއްދެވުމަށް އެންމެ ފަސޭހަ ގޮތެވެ. ދެވަނަ ގޮތަކީ ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުއްވުމެވެ. އެއީ ދިގު މަރުހަލާ އަކަށް ވާނެތީވެ އެގޮތް ރައީސް ޔާމީން އިހްތިޔާރު ނުކުރެއްވީ ކަމަށް ބެލެވެ އެވެ. ކުރީގެ ރައީސުންގެ ގާނޫނުގައި ބަދަލު ހޯދުމަށް އަމަލުކުރާނެ ގޮތްތަކެއް ހަމަޖެހިފައި ނުވާތީ ރައީސް ޔާމީން އަމަލުކުރެއްވި ގޮތުން އެ ގާނޫނަށް އެ ބައި އިތުރުކުރަން ޖެހޭ ކަމަށް އެވަނީ ގަބޫލުކުރަންޖެހިފަ އެވެ. ގެއްލުމުގެ ބަދަލު ހޯދުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް މައްސަލަ ހުށަހެޅުއްވި ނަމަ ކޯޓުން އެކަމުގައި ކޮންމެވެސް ގޮތްތަކެއް ކަނޑައަޅާނެ އެވެ. ރައީސް ޔާމީން ކޯޓަށް ވަޑައިނުގަތުމުން ގާނޫނު އިސްލާހު ކޮށްގެން އެކަމަށް ދާއިމީ ހައްލެއް ހޯދަންޖެހެ އެވެ.
ނަމަވެސް އެ އިޖުރާއަތްތައް ފުރިހަމަކުރުމަކީ މުސްތަގުބަލަށް ދައުލަތަށް އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ރައީސް ޔާމީން މިހާރު އެދިވަޑައިގެންފައިވާ އެލަވަންސް އެމަނިކުފާނަށް ހަމަޖައްސައިދޭންޖެހެ އެވެ. އެގޮތަށް ހަމަޖައްސަން ޖެހޭ އެންމެ ބޮޑު ސަބަބަކީ އިނާޔަތް ހޯއްދެވުމަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ މުއްދަތުގައި އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާ ހުކުމެއް މިހާރު ނެތުމުންނެވެ. އަދި ކޯޓުތަކުން ނެރޭ ހުކުމްތައް ތަންފީޒު ކުރަނީ މާޒީގެ ތާރީހަށް ނުވަތަ ބެކް ޑޭޓަށް ރިއާޔަތް ކުރުމުގެ ބަދަލުގައި ހުކުމް ކުރާ ތާރީހަށް ބަލައިގެން ކަމަށްވާތީ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދާއި ރައީސް މައުމޫންގެ މައްޗަށް ޖިނާއީ ދައުވާ އުފުލި ކުށް ސާބިތުވި އެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުންތަކެއްގެ ތެރެއިން އެ ބޭފުޅުން މިނިވަންވުމުން ޖަލުގައި ތިއްބެވި މުއްދަތަށް އިނާޔަތް ހޯއްދަވަން ހުށަހެޅުއްވި ކަމެއް އެނގިފައެއް ނުވެ އެވެ. އެ ބޭފުޅުން އެކަމަށް އެދިވަޑައިގެން އެ ބޭފުޅުންނަށް އެ މުއްދަތަށް އޭރު އިނާޔަތް ދީފައި އޮތް ނަމަ އެކަމުގައިވެސް އޮންނާނީ ސަރުކާރުގެ ތެރެއިން ގޮތްތަކެއް ހަމަޖެހިފަ އެވެ. މީގެ މިސާލަކީ ކުރީގެ ރައީސް ވަހީދަށް ވެރިކަމުގެ ދައުރެއް ފުރިހަމަ ނުކުރެއްވި ނަމަވެސް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިގަންނަވަނީ ރައީސް ނަޝީދު ވެސް ވެރިކަމުގެ ދައުރެއް ފުރިހަމަ ނުކުރައްވަނީސް ދައުލަތުން ހަމަޖައްސައިދިން އިންތިޒާމުތަކެއްގެ ތެރެއިން ނަޝީދަށް އިނާޔަތް ދެއްވާތީ އެ އުސޫލަށް ރިއާޔަތްކުރެވިގެންނެވެ.
އާންމުންގެ ކަންބޮޑުވުން ހުރި މައްސަލަތައް
ކުރީގެ ރައީސުން ކަމުގައިވާ މައުމޫނާއި، ނަޝީދާ އަދި ވަހީދަށް އިނާޔަތް ދިނުމަށާއި އޮފީސް ހިންގުމަށްދޭ ޖުމްލަ ހަރަދުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން 173.9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ. ރައީސް ޔާމީނަށް އިނާޔަތްތަކާއި އޮފީސް ހަރަދު ހަމަޖައްސައިދޭން ފެށުމާ އެކު ކުރީގެ ރައީސުންނަށް ދައުލަތުން އަންނަ އަހަރު ކުރާ ޖުމްލަ ހަރަދު އިތުރުވާނެ އެވެ. ގައުމުގެ އިގްތިސާދީ ހާލަތު ހުރި ގޮތުންނާއި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ބޭނުންތައް އަދިވެސް ދައުލަތުން ހަމަޖައްސައިދީފައި ނުވާތީ ކުރީގެ ރައީސުންނަށް އެވަރުގެ ބޮޑު ހަރަދެއް ކުރާތީ އާންމުން ކަންބޮޑުވެ އެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގަންދޭ ހަރަދާއި އެހެނިހެން އިނާޔަތްތައް އޮޑިޓް ކުރުމަށް ކުރީގެ ރައީސުންގެ ގާނޫނުގައި ލާޒިމްކޮށްފައެއް ނޯވެ އެވެ. އެހެންކަމުން ކުރީގެ ރައީސުންގެ އިނާޔަތްތަކާއި އޮފީހަށް ކުރާ ހަރަދުތަކަކީ ދެފުށް ފެންނަ ގޮތަކަށް ކުރެވޭ ހަރަދެއް ނޫނެވެ. އެ ހަރަދުތައް ކުރެވެނީ ގާނޫނުގެ މަގުސަދު ހާސިލް ކުރެވޭ ގޮތަށްތޯ ސުވާލު އުފެދެ އެވެ. މިވަގުތު ކުރީގެ ރައީސުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ފިޔަވާ ދެން ތިއްބެވި ބޭފުޅުންނަކީ މާލޭގައި އަމިއްލަ ގެދޮރު އެބޭފުޅުންގެ ނަމުގައި ހުންނެވި ބޭފުޅުންނެވެ. ރައީސް ނަޝީދަކީ ވެސް އާއިލީ ގޮތުން މާލޭގައި ގެދޮރު ހުންނެވި ބޭފުޅެކެވެ. ކުރީގެ ރައީސުންގެ ގާނޫނުގައި ދިރިއުޅުއްވާ ތަނުގެ ހަރަދަށް 50،000 ރުފިޔާ ދިނުމަށް ހިމަނާފައިވާތީ އެ ހަރަދާ މެދު ވެސް ސުވާލު އުފައްދާ މީހުން އުޅެ އެެވެ.
ކުރީގެ ރައީސުންނަށް މަސައްކަތް ކުރާނެ އޮފީސް ހަމަޖައްސައީދީ އެކަމަށް ދައުލަތުން ފައިސާ ދެނީ ގާނޫނުގައިވާ ގޮތަށް "މުޖުތަމައުއަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައް" ކުރުމަށެވެ. ނަމަވެސް ރައީސް ވަހީދު ފިޔަވާ ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމުގައިވާ މައުމޫނާއި ނަޝީދާއި ޔާމީނަކީ އެ ބޭފުޅުން ނިސްބަތްވާ ސިޔާސީ ޕާޓީ ތަކުގެ އެންމެ އިސް ލީޑަރުންނެވެ. ރައީސް ވަހީދަކީ ކުރިން ޕާޓީއެއްގެ ލީޑަރަކަށް ވިޔަސް އެމަނިކުފާނު މިވަގުތު ހުންނެވީ ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. އެހެންކަމުން މި ހުރިހާ ބޭފުޅުންވެސް ކުރީގެ ރައީސުންގެ އިނާޔަތް ނަންގަވައިގެން ކުރައްވާ އެންމެ ބޮޑު މަސައްކަތަކީ ސިޔާސީ މަސައްކަތެވެ. ރާއްޖޭގެ ކުރީގެ ރައީސުން ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ވަރަށް ހަރަކާތްތެރިކޮށް އުޅުއްވަ އެވެ. ސިޔާސީ ކޮންމެ ކަމެއްގައިހެން އެ ބޭފުޅުން ބަސް ވިދާޅުވެ އެވެ. އެ ބޭފުޅުންގެ އެ އަމަލުތަކުގެ ސަބަބުން ހަމަޖެހުން ގެއްލުމަށް ފުރުސަތު އޮވެ އެވެ. އެއީ ކުރީގެ ރައީސުންގެ ހަރަދާ ގުޅިގެން އާންމުން ކަންބޮޑުވާ މައްސަލަ އެކެވެ. ހައްލު ހޯދަންޖެހޭ މައްސަލަ ތަކެކެވެ.