ދުނިޔެ

މޮއިސް އަވަހާރަކޮށްލި ކަމަށް ޝައްކުކުރެވޭ ބަޔަކު ހައްޔަރުކޮށްފި

ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަ ކޮށްލުމުގައި ދައުރެއް އޮވެދާނެ ކަމަށް ބެލެވޭ ބަޔަކު އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފި އެވެ. ހެއިޓީގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ކޮމިއުކޭޝަން ވިދާޅުވީ އިތުރު މީހުން ހަމަލާތަކުގައި ބައިވެރިވެފައި ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި މައުލޫމާތު ހާމަ ކުރައްވާނެ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން ހެއިޓިގައި މިހާރު ވެސް ބަޑި ޖަހާ އަޑު އިވެ އެވެ. އެއީ ބެލެވޭ ގޮތުން ފުލުންނާ ހަނގުރާމަވެރިންގެ ކުރިމަތިލުމަކަށް ވެދާނެ އެވެ. ރައީސް އަވަހާރަ ކޮށްލުމަށް ފަހު ހަތިޔާރު އެޅި ގުރޫޕު އެ ގައުމުން ބޭރުވެދާނެ ކަމަށް ބަލައި އަވަށްޓެރިންނާ ގުޅިގެން ހެއިޓީން ވަނީ ބޯޑަރު ބަންދުކޮށް އަދި އެއާޕޯޓް ވެސް ބަންދު ކޮށްފަ އެވެ.

ރައީސް ޖޮވެނެލް މޮއިސް އަވަހާރަ ކޮށްލާފައި ވަނީ އަމިއްލަ ގެކޮޅުގައި އުޅުއްވަނިކޮށް އަނބިކަނބަލުންގެ ހާޒިރުގަ އެވެ. ހަތިޔާރު އެޅި ގުރޫޕަކުން ވަދެ ދިން ހަމަލާތަކުން އެކަމަނާ ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ޚަބަރުތައް ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރައީސަށް ހަމަލާ ދިނީ ބުދަވިލޭރޭ ދަންވަރު އެވެ. ގޮތް ނޭނގޭ ބަޔަކު ރައީސްގެ ގެކޮޅަށް ވަދެ ދިން ހަމަމާތަކުގައި މޮއިސް ވަރަށް ބޮޑަށް ޒަހަމަވި ކަމަށް ޚަބަރުތައް ބުނެ އެވެ.

ވަގުތީ ބޮޑުވަޒީރު ކްލޯޑް ޖޯސެފް މިހާރު ވަނީ ހެއިޓިގައި އިމާޖެންސީ އިއުލާން ކުރައްވައި މާޝަލް ލޯ ހިންގަން އަމުރު ކުރައްވާފަ އެވެ.

ހެއިޓީގެ އަބާދީއަކީ 12 މިލިއަނެވެ. ސިޔާސީ ހަމަނުޖެހުން ބޮޑު އަދި އެހައި ފަގީރު ގައުމެކެވެ. އެ ގައުމަށް 2010 ގައި އައި ބިންހެލުމުގެ ސަބަބުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފަ ވެއެވެ.