ދުނިޔެ

ހެއިޓީގައި ޖަލެއް ފަޅާލައި އެތައް ބަޔަކު ފިލައިފި

ހެއިޓީގެ ވެރިރަށް ޕޯޓް އޯ ޕްރިންސްގައި ހުންނަ މައި ޖަލު ފަޅާލައި އެތައް ހާސް ބަޔަކު ފިލައިފި އެވެ.

އިދާރާތަކުން ބުނާ ގޮތުން ޖަލުގައި ތިބި 4،000 ކުށްވެރިންގެ ތެރެއިން މަދު ބަޔަކު ނޫނީ ޖަލުގައި މިހާރަކު ނެތެވެ.

ހެއިޓީގައި ގޭންގްތަކުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފަ އެވެ. ޖަލު ފަޅާލަން ދިން ހަމަލާ އަކީ ވެސް ގޭންގްތަކުން ދިން ހަމަލާއެއް ކަމަށް އެ މީހުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

ގޭންގް ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވާ ޖިމީ ޗެރިޒިއާ ވަނީ ޖަލު ފަޅާލަން ހަމަލާދިން ކަމަށް އެއްބަސްވެ ޒިންމާ ނަގާފަ އެވެ. އޭނާ ބުނި ގޮތުން ބޭނުމަކީ ބޮޑުވަޒީރު އޭރިއަލް ހެންރީ މަގާމުން ދުރުކުރުމެވެ.

ޖިމީ ޗެރިޒިއާ އަކީ ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތްކުރި ތަޖުރިބާކާރު އޮފިސަރެކެވެ.

ޖަލު ފަޅާލިއިރު ބޮޑުވަޒީރު ހެންރީ ވަޑައިގެންވީ ކެންޔާ ގައެވެ. އެއީ ގޭންގްތައް މައިތިކުރުމަށް އެހީތެރިކަން ހޯއްދެވުމަށެވެ. ނަމަވެސް ބޮޑުވަޒީރު މިހާރު ހުންނެވި ތަނެއް ނޭނގޭ ކަމަށް ހަބަރުތައް ބުނެ އެވެ.

ޖަލު ފަޅާލައި ހިނގި ހާދިސާތަކުގައި ތިން މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓައް ބުނެ އެވެ. މިއީ ޖަލުގައި ތިބި ގޭންގްތަކުގެ ލީޑަރުން މިނިވަންކުރަން އެ މީހުން ނިސްބަތްވާ ގޭންގްތަކުން ދިން ހަމަލާ އެކެވެ.

ޖަލުގައި ތިބި މީހުންގެ އާއިލާތަކަށް މި ހަބަރު ލިބުމާ އެކު ޖަލު ދޮށަށް އެއްވި ނަމަވެސް އެ ހިސާބުގައިވެސް ސެކިއުރިޓީ އޮފިސަރަކު ނެތް ކަމަށް ވެއެވެ. އަދި ޖަލުގެ ދޮރުތައް ތަންމިނަށް ހުޅުވައި ގިނަ ބަޔަކު ނުކުމެފައިވާ ކަމަށްވެސް މަންޒަރު ދުށް މީހުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ޖަލަކީ 700 މީހުންގެ ޖާގައިގެ ޖަލެކެވެ. މިހާދިސާ ހިނގިއިރު ޖަލުގައި 4،000 އަށް ވުރެ ގިނަ ކުށްވެރިން ތިބި ކަމަށް ހަބަރުތައް ބުނެ އެވެ.

މި ޖަލުގައި އެހެން ގައުމުތަކުގެ ސިފައިން -- ބާޣީ ސިފައިން ގޮތުގައި އެހެން ގައުމުތަކަށް އަރައި ކޮންޓްރެކްޓަށް ތަންތަން ފަޅައި އަދި މީހުން މަރާ މީހުން ވެސް ތިބި ކަމަށް ހަބަރުތައް ބުނެ އެވެ.

ޖަލު ފަޅާލުމާ އެކު މި އެންމެން މިހާރު ބަންދުން ދޫވެ ފިލާފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.