ދުނިޔެ

އިޒުރޭލުގެ ވެރިރަށް ތެލް އަވީވްގައި ބާރުގަދަ ބޮމެއް ގޮއްވާލައިފި

އިޒުރޭލުގެ ވެރިރަށް ތެލް އަވީވްގައި ބާރުގަދަ ބޮމެއް ގޮއްވާލައިފި އެވެ.

މިއީ ކޮން ބަޔަކު ދިން ހަމަލާއެއްކަން އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ. މި ހަމަލާގައި އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވި ކަމަށް ފުލުހުން ބުންޏެވެ.

ލޯކަލް މީޑިއާތަކާއި މަންޒަރު ދުށް މީހުންނާ ހަވާލާދީ ފުލުހުން ބުނާ ގޮތުން ހަމަލާ ދިން މީހާ -- ބޮން ގޮއްވާލި މީހާ ވަނީ މި ހަމަލާގައި މަރުވެފަ އެވެ. ހަމަލާ ދިން މީހާއާ ބެހޭ ގޮތުން އެންމެ ބޮޑަށް ބެލެވޭ ގޮތަކީވެސް މިއީ ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަލާގައި ގިނަ ބަޔަކު މަރުނުވި ނަމަވެސް އިމާރާތްތަކަށާއި އުޅަނދުތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބުނު ކަމަށް އިދާރާތަކުން ބުނެ އެވެ. މަގުމަތީގައި ޕާކުކޮށްފައި ހުރި ބައެއް ކާރުތައް ވަކިކުރަން ނޭނގޭ ވަރަށް އަނދާފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން އެއީ ބޮމެއް ކަމަށް ފުލުހުން ބުންޏަސް، ގޮވީ ވަރަށް އަޑުގަދަ އެއްޗެކެވެ. އެގޮވުމުގެ ސަބަބުން އަރައިގެން ދިޔަ އަލިގަނޑު ވަރަށް ދުރަށް ފެނުނު ކަމަށް ވެއެވެ.

އިންޓަނެޓްގައި ހުރި ވީޑިއޯތަކުން ފެންނަ ގޮތުން އެ ސަހައްދަށް ވަރަށް ބާރުގަދަ ގުޑުމެއް އެރިތަން ފެނެ އެވެ. އަދި އަލިގަނޑު އިމާރާތްތަކުގެ މަތިން ފެންނަން ހުރެ އެވެ.

ފުލުހުން ބުނި ގޮތުން ހާދިސާ ހިނގި ސަރަހައްދަށް އެ މީހުން ދިޔައިރު، އިންސާނެއްގެ ހަށިގަނޑު ޗަސްވެފައި އޮތް ކަމަށެވެ. އަދި އޭނާގެ ގައިގެ މަސްތައް ކައިރީގައި ހުރި ފާރަށް ބުރާފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުން މަރުވެފައި އޮތީ ބޮން ގޮއްވާލި މީހާ އެވެ. ފުލުހުންވެސް ވަނީ މިކަން މި ގޮތަށް ހިނގުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ. އޭނާ ނޫން މީހެއްގެ ނިޝާނެއް އެ ހިސާބުގައިވެސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަލާ ދިނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން އޮތް މީހެއް ކަމަށް ލަފާކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ. އެކަމަކު މި ހަމަލާ ގުޅުވާނެ ބަޔަކު އަދި ނޭނގޭ ކަމަށްވެސް ބުންޏެވެ.