އެމެރިކާގައި މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި، އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާދަކުރައްވާނެ އެވެ.
އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހޮނިހިރު ދުވަހު ޕެންސިލްވޭނިއާގައި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ވާހަކަދައްކަވަނިކޮށް ކާކުކަން ނޭނގޭ މީހަކު ބަޑިން ދިން ހަމަލާއެއްގައި އޭނާގެ ކަންފަތު ވޮށިފަށް ވަނީ އިރައިގެން ގޮސްފަ އެވެ.
މި ހަމަލާގައި ޓްރަމްޕްގެ ކަންފަތް ބުޑުން ވައިކަފާފައި ދިޔަ އުންޑަ އެރީ އެތަނުގައި ހުރި ޓްރަމްޕްގެ ސަޕޯޓަރެއްގެ ގަޔަށެވެ. އޭނާ މިހާރު ވަނީ މަރުވެފަ އެވެ. މި ހަމަލާގައި އަދި އިތުރު ދެ މީހަކު ވެސް ވަރަށް ބޮޑަށް ޒަހަމްވި އެވެ.
މި ހަބަރު އިވިވަޑައިގެން ޓްރަމްޕް ވިދާޅުވީ އޭނާގެ އަމިއްލަ ގައުމުގައި މި ބާވަތުގެ ޓެރަރިސްޓް ހަމަލާތައް ހިންގުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ސަޕޯޓަރެއް މަރުވުމުން ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އޭނާގެ އާއިލާއަށް ތައުރީފްކުރައްވައި އަދި އިތުރު ޖުމުލަތަކެއް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު މިހާ ކައިރިވެފައި ވަނިކޮށް ރިޔާސީ ކެންޑިޑޭޓަކަށް ދިން މި ހަމާލާ އަކީ އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއެއް ގޮތުގައި އެމެރިކާގެ ސީކްރެޓް ސާވިސްއިން ވަނީ ބުނެފަ އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުން އެއްވުން ތެރެއަށް މީހަކު ބަޑިހިފައި ވަތްތައް ބައެއް މީހުންނަށް ފެނުނެވެ. އަދި އެ މީހާ ސްޓޭޖު ބިތްދޮށުން ފިރުކިފައި ދަނިކޮށް ފުލުހުންނަށް ގޮވައި ދެއްކި ކަމަށްވެސް ބައެއް މީހުން ބުންޏެވެ. ނަމަވެސް ފުލުހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިން ކަމަށް މަންޒަރު ދުށް މީހަކު ރޮއިޓާސްއަށް ބުންޏެވެ.
ޓްރަމްޕަށް އަވަހާރަކޮށްލަން ދިން މި ހަމަލާއާ ގުޅިގެން އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ވަނީ ޓްރަމްޕް ކެމްޕޭން ޓީމުގައި ހިމެނޭ ސެކިއުރީޓީ އޮފިސަރުންނާއި އެމެރިކާގެ ސެކިއުރިޓީ ސާވިސްގެ ވެރިން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ. އަދި މި ހަމަލާގެ ސަބަބުން ޓްރަމްޕަށް އިތުރު ސަޕޯޓް ދެއްވާނެ ކަމަށް މަސްކް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިންތިހާބުގައި ތާއިދުކުރައްވާނީ ޑޮނަލްޑް ޓްރަމްޕަށް ކަމަށެވެ.