އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީފި އެވެ. އޭނާއަށް ހަމަލާދިނީ ޕެންސިލްވޭނިއާގައި ކެމްޕޭން އެއްވުމެއްގައި ވާހަަކަދައްކަވަނިކޮށެވެ.
ފޮޓޯތަކުން ފެންނަ ގޮތުން ޓްރަމްޕްގެ ކަނާތު ކަންފަތް ވަނީ ޒަހަމްވެފަ އެވެ. ވަޒަނެއް އަރައި ނުވަތަ އެއްޗަކުން ޖެހި ކަންފަތު ވޮށިފަށް ވީދައިގެން ގޮސް ހުރި ގޮތަށް ފެނެ އެވެ. އަދި ކަންފަތުގެ އެ ހިސާބު ހުރީ ލެއިން ތަތްތެޅިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކެމްޕޭން އެއްވުމުގައި އުމުރުން 78 އަހަރުގެ ޑޮަނަލްޑް ޓްރަމްޕް ވަރަށް ޖޯޝާ އެކު ތަގުރީރުކުރައްވަނިކޮށް އިވުނު ބަޑީގެ އަޑާއެކު ކަންފަތްމަތީގައި އޭނާ އަތްއެޅި އެވެ. އަދި ހުރި ތަނަށް -- ޕޯޑިއަމް ދޮށަށް ތިރިވި އެވެ.
އިރުކޮޅެއް ފަހުން ބޮޑީގާޑުން ޓްރަމްޕް އަތުލަފިކޮށްގެން ގެންދިޔައިރު އޭނާގެ ކަނާތު ކަންފްތަމަތިން ވަރަށް ރީތިކޮށް ލޭ ފެނަންނަން ހުއްޓެެވެ.
އޭރުވެސް ޓްރަމްޕް ވަރަށް ޖޯޝާ އެކު ވައިގެ ތެރެއަށް ގޮށްމުށް އުފުއްލަވައި އޭނާގެ ސަޕޯޓަރުންނަށް ކޮންމެވެސް އެއްޗެއް ވިދާޅުވަމުން ގެންދެވި އެވެ.
އެމެރިކާގެ ސީކްރެޓް ސާވިސްއިން ބުނި ގޮތުން ޓްރަމްޕަށް ނުރައްކަލެއް ނެތެވެ. އެކަމަކު އޭނާއަށް ލިބިފައި ހުރި ޒަހަމުތަކުގެ ތަފްސީލެއް ނުދެ އެވެ.
ޓްރަމްޕްގެ ކެމްޕޭން އޮފީހުން ވެސް ވަނީ އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ޕެންސިލްވޭނިއާގެ ހޮސްޕިޓަލެއްގައި އޭނާއަށް ފަރުވާދޭ ވާހަކަވެސް ކެމްޕޭން އޮފީހުން ބުންޏެވެ.
އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓިގެ ފަރާތުން ޑޮނަލްޑް ޓްރަމްޕް ކުރިމަތިލައްވާނެ އެވެ. ވާދަކުރައްވާނީ އެމެރިކާގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަންއާ އެވެ.
ރިޔާސީ ދެ ކެންޑިޑޭޓުންގެ ދެމެދުގައި ބޭއްވި ފުރަތަމަ ރިޔާސީ ބަހުސްގައި ބައިޑަން ވަނީ ފޭލިވެ ވަޑައިގެންފަ އެވެ. އޭނާއާށް ބަހުސުން ލިބިވަޑައިގަތީ ސުމެކެވެ. އަދި އިތުރުން އާންމުގެ ނަފުރަތާއި މަލާމާތްވެސް ވަނީ ހޯއްދަވާފަ އެވެ.
މި ބަހުސްގައި ޓްރަމްޕްގެ ހުޝިޔާރު ކަމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. މިހެން ކަން ހިގައި ދިއުމުން ޓްރަމްޕަށް ރައީސްކަމުގެ ދެވަނަ ދައުރެއް ލިބޭނެ ކަމަށް ގިނަ ބަޔަކު އިއުތިރާފްވެ އެވެ.