ދުނިޔެ

ހޫސީންނަށް ހަމަލާދިނީ ރަތް ކަނޑުގެ މަސްލަހަތަށް: އެމެރިކާ

ރަތް ކަނޑުގެ ރައްކާތެރިކަން ދަމަހައްޓަށް ނުކުތް ބައިގަނޑުން ޔަމަނަށް ހަމަލާ ދީފަ އެވެ.

މި ބައިގަނޑުގައި ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ބަހްރައިން، ކެނެޑާ، ޑެންމާކް، ޖަރުމަން، ނެދަލަންޑްސް، ނިއުޒިލަންޑް އަދި ދެކުނު ކޮރެއާ އެވެ.

މި ގައުމުތައް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޔަމަނަށް ހަމަލާދިނީ އެ ގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ހޫސީންނަށް ހަމަލާދިނުމަށް ކަމަށެވެ. އަދި އެއީ މަސްލަހަތަށްޓަކައި ދިން ހަމަލާއެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރަތް ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ދުނިޔެއަށްޓަކައި ކުރަންޖެހޭ ކަމަޖަށް ވާތީ ހޫސީންނަށް ހަމަލާދިނީ ކަމަށެވެ.

ހޫސީންގެ ހަމަލާތައް ހުއްޓައި ނުލައިފިނަމަ އިތުރު ހަމަލާތަކަށް އިންތިޒާރު ކުރުމަށް ވެސް ބަޔާނުގައި އޮތީ ބުނެފަ އެވެ.

ރަތް ކަނޑުން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ދަތިކޮށް ހަމަލާދީ ކަނޑުފޭރުމަކީ ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑު ނުރައްކަލެއް ކަަމަށްވެސް މި ގައުމުތަކުން ބުނެ އެވެ. ހޫސީންގެ އަމަލުތަކުގެ ސަބަބުން ގައުމުތައް ކާބޯތަކެއްޗަށް ޖެހިދާނެ ކަމަށްވެސް ބުންޏެވެ.

ހޫސީންނަކީ އީރާނުން ހިންގާ ބާޣީ ގުރޫޕެކެވެ. އެ ޖަމާއަތަށް ހަތިޔާރާއި ފައިސާ ފޯރުކޮށްދެނީ އީރާންގެ ސްޕޮންސަރުންނެވެ. ހޫސީ ހަނގުރާމަވެރިން ތަމްރީން ކުރަނީ ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުންނެވެ.

ހޫސީންނަށް ހަތިޔާރާއި ފައިސާ ޖަމާކުރުމުގައި ހިޒްބުﷲ ގެ މެންބަރުންގެ ދައުރު ވަރަށް ބޮޑެވެ. މި ޖަމާއަތްތަކުގެ މެދުގައި އޮންނަ މާލީ ނިޒާމު އީރާންގެ ވިޔަފާރިވެރިންނަށް އޮންނަނީ ފޯރާފަ އެވެ.

ގުޅިފައިވާ ބާރުތަކުން ހޫސީންނަށް ހަމަލާ މިދިނީ ރަތް ކަނޑުން ދަތުރުކުރާ ކޮންޓޭނަރު ބޯޓުތަކަށް ހޫސީންގެ ހަމަލާތައް ވަރަށް ނުރައްކާވެފައި ވަނިކޮށެވެ.

ކާގޯ ބޯޓުތަކަށް ހަމަލާދިނުމާއި ބިރުދައްކައި ފޭރުން ފަދަ އަމަލުތައް ހޫސީން ދަނީ ހިންގަމުންނެވެ.

ރަތް ކަނޑު ރައްކާތެރި ތަނަކަށް ހެދުމަށް ހޫސީންނަށް ގޮވާލާލި ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުދޭ ކަމަށް ގުޅިފައި އޮތް އަސްކަރީ ބާރުން ބުނެ އެވެ.

އެމެރިކާ ބުނާ ގޮތުން އިތުރު ހަމަލާތަކެއް ބޭނުން ނޫންނަމަ ކޮންޓޭނަރު ބޯޓުތަކަށް ހަމަލާދިނުން ހޫސީން ހުއްޓާލަން ޖެހެ އެވެ.

ހޫސީންގެ ބުނުމަކީ ޣައްޒާއަށް ހަމަލާދިނުމުގައި ޔަހޫދީ އަސްކަރިއްޔާ ވައިގެ ތެރޭގައި އުދުހޭ ހައި ހިނދަކު، ރަތް ކަނޑަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމަށެވެ.