ދުނިޔެ

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށް ހަމަލާދީފިން: ހޫސީން

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރެއް ކަމަށްވާ ޑްވައިޓް ޑީ ހައިސަންހާވްއަށް މިސައިލް ހަމަލާއެއް ދިން ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫސީން ބުނެފި އެވެ.

މި މަނަވަރަށް ހަމަލާދިނީ ރަތް ކަނޑުގައި ދަތުރުކުރަނިކޮށް ކަމަށްވެސް ހޫސީން ބުންޏެވެ.

ހޫސީންގެ ތަރުޖަމާން ޔަޙްޔާ ސާރީ ބުނި ގޮތުން އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރަށް ހަމަލާދޭން ޖެހުނީ އެމެރިކާއާއި އިނގިރޭސިން ގުޅިގެން ޔަމަނުގެ ވެރިރަށް ސަންއާ އާއި ހުދައިދާ އަދި ތައިއްޒަށް ހަމަލާދިފައިވާތީ އެވެ.

އެމެރިކާގެ ހަމަލާތަކުގައި 16 މީހަކު މަރުވެ، 40 މީހަކު އެކިވަރަށް ޒަހަމްވެފައިވާ ކަމަށް ތަރުޖަމާން ބުންޏެވެ. ވަކި ގޮތެއް ނުބަލައި ދިން މި ހަމަލާތަކުގައި އާންމުންގެ މުދަލަށް ގެއްލުންވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ތަރުޖަމާން ބުންޏެވެ.

ހޫސީންގެ މި ހަމަލާއާ ބެހޭ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން އަދި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ތަރުޖަމާން ބުނި ގޮތުން ހަމަލާތައް ވަރަށް ސީދަލެވެ. އަދި އަމާޒަށް ދަތުރުކޮށް ބޭނުންވި ނަތީޖާ ވަނީ ހާސިލުވެފަ އެވެ.

އެމެރިކައާއި އިނގިރޭސިން ޔަމަނަށް ދިން ހަމަލާތަކުގައި ހުދައިދާ ރޭޑިއޯ ސްޓޭޝަން ވަނީ ގޮއްވާލާފަ އެވެ. އަދި އައްސައުރާ ހޮސްޕިޓަލަށާއި ކޯސްޓް ގާޑް ހެޑްކްއާޓަރަށްވެސް ވަނީ ހަމަލާދީފަ އެވެ.

ޔަހްޔާ ސާރީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފަައިވާ ގޮތުން އެމެރިކާގެ މި ހަމަލާތަކަށް ބަދަލު ނުހިފައި ދުލެއް ނުކުރާނެ އެވެ. މަތިންދާބޯޓު އުފުލާ މަނަވަރަށް ދިން ހަމަލާ އަކީ ބަދަލުހިފުން ފެށުމުގެ ގޮތުން -- ވަޒަންކޮށްލަން ދިން ހަމަލާއެއް ކަމަށްވެސް އޭނާ ބުންޏެވެ.