ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންގެ ކިބައިން ރަތް ކަނޑު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އެކުލަވާލާފައި އޮތް ބައިގަނޑަށް ހޫސީން ކުރޫޒް މިސައިލުން ހަމަލާދީފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެޓްކޮމް) އިން ބުނާ ގޮތުން ހޫސީން ކުރޫޒް މިސައިލުން ދިން ހަމަލާއެރީ އެމެރިކާ ކަނޑުގެ ސިފައިންގެ އުޅަނދަކަށެވެ.
މިސައިލުގެ ފުރިހަމަ ބާރުގައި އުޅަނދަށް އެރުމުގެ ކުރިން ރައްދު ހަމަލާގައި ގޮއްވާލާފައިވާ ކަމަށްވެސް ސެންޓްކޮމް އިން ބުންޏެވެ. އެހެންކަމުން އުޅަނދަށް މާބޮޑު ގެއްލުމެއް އަދި މީހަކަށްވެސް ގެއްލުމެއް ނުވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ރަތް ކަނޑުން ދަތުރުކުރާ މުދާއުފުލާ ބޯޓުތަކަށް ހޫސީން ހަމަލާދެނީ އެއިން އުޅަނދަކުން އިޒުރޭލަށް މުދާ އުފުލާނަމަ އެވެ. އަދި ކޮންޓޭނަރު ބޯޓެއްގައި ޔަހޫދީންގެ މުދާ ހުރި ނަމަވެސް އެ އުޅަނދަކަށް ހަމަލަދޭނެ ކަމަށް ހޫސީން ވަނީ ބުނެފަ އެވެ.
ހޫސީންގެ މި އަމަލަކީ ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ބަދަލުހިފުމަށް ކުރާ ކަމެއް ކަމަށް އޮތީ ބުނެފަ އެވެ. ޣައްޒާއަށް ހަމަލާދިނުން ހުއްޓާލުމަށް ދާންދެން ޔަހޫދީންނަށް މުދާ އުފުލައިދޭ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެމެރިކާ ބުނާ ގޮތުން އިރާންގެ އެހީތެރިކަމާ ނުލައި ކާގޯ ބޯޓުތަކާ ބެހޭ މައުލޫމާތު ހޫސީންނަކަށް ނުލިބޭނެ އެވެ. އެވެނި ބޯޓަކީ ޔަހޫދީންނަށް މުދާ އުފުލާ ބޯޓެއްކަން އަދި މިވެނި ބޯޓެއްގައި ހުރީ ކިތައް ކޮންޓޭނަރުކަން ހޫސީންނަކަށް ނޭނގޭނެ އެވެ.
ހޫސީންގެ ހަމަލާތަކުގައި ފަހަތުގައި އީރާން އޮތްކަން ކަށަވަރުކުރެވޭ ހެކިތައް ދައްކަމުން އެމެރިކާ ބުނި ގޮތުން ހޫސީންނަށް އިންޓެލިޖެންސް ހިއްސާކުރާ ބަޔަކީ ވެސް އީރާން އެވެ. އަދި ކަނޑުމަގުން ހަތިޔާރު ފޯރުކޮށްދިނުމާއި އީރާންގެ ވިޔަފާރިވެރިން ހޫސީންނަށް ހޭދަކުރުމަކީވެސް އީރާންގެ ނުފޫޒު ހޫސިންގެ މައްޗަށް އޮތްކަން ކަށަވަރުކޮށްދޭ ކަންކަމެވެ.
ހޫސީންގެ ހަމަލާތައް ހުއްޓުވައި ހޫސީ ހަނގުރާމަވެރިން ބަލިކުރުމަށް ކަމަށް ބުނެ އެމެރިކާއާ އިނގިރޭސިވިލާތުން ވަނީ ޔަމަނަށް ވެސް ހަމަލާދީފަ އެވެ. މި ދެ ގައުމު ގުޅިގެން ހޫސީންނަށް ހަމަލާ ދިނުމަށްފަހު ބުނީ ހުރިހާ ހަމަލާއެއް އެރީ ހޫސީންގެ މަރުކަޒުތަކަށް ކަމަށެވެ.
ހޫސީންނަކީ ޔަމަނުގައި ވަކި ސަރަހައްދުތަކެއް ހިފައިގެން އުޅޭ ބައިގަނޑެކެވެ. މިހެން ކަން އޮތް ނަމަވެސް، އެމެރިކާއާ ބައިވެރިން ހޫސީންނަށް ހަމަލާދިނުމުގެ ނަމުގައި ޔަމަނަށް ހަމަލާދިނުމަކީ ބޮޑު ގޯހެއް ކަމަށް ގައުމުތަކުން ބުނެ އެވެ. އެއީ އެމެރިކާގެ ހަމަލާތަކުން ފިލަން ހޫސީން ޔަމަނުގެ އެހެން ތަންތަން ބޭނުންކޮށްފާނެ ކަމަށް ބިރަށްޓަކަ އެވެ.