- ދެ އަހަރަށް ރިޕޯޓް ދޭނީ ރައްޔިތުން
- މިއަހަރު ފެންނާނީ ބޮޑެތި މަޝްރޫތަކުގެ މަސައްކަތް
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭ އެންމެ ބޮޑަށް ހާސިލް ކުރެވުނީ ސިއްހަތާއި އިޖުތިމާއި ރާއްކާތެރި ކަމުގެ ވައުދުތައް ކަމަށާއި މި ފަށާ އަހަރަކީ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފަށާ އަހަރެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު މި މައުލޫމާތުތައް ދެއްވާފައި ވަނީ ޓްވީޓާ މެދުވެރި ކުރައްވަ އެވެ. އޭނާ ޓްވީޓްތަކެއް ކުރައްވާ ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ނިސްބަތުން އެންމެ ބޮޑަށް ހާސިލްވީ "ސިއްހަތު ހިޔާ އެންމެނަށް" އަދި "އިޖްތިމާއީ ރައްކާތެރި ކަމުގެ" ވައުދު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ދެ އަހަރު ދުވަހަށް ރިޕޯޓް ފޯމެއް ދޭނަމަ މާކްސް ދޭނީ ރައްޔިތުން ކަމަށާއި އެކަމަށް ހެކިވާން ތިބީވެސް ރައްޔިތުން ކަމަށެވެ.
މީގެ ދެ އަހަރު ކުރިން ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ ސިއްހީ ހާލަތު އޮތީ ވަރަށް ބޮޑަށް ކަންބޮޑުވާ ހާލަތުގެ ދަށު ދަރަޖާގައި ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ސަރުކާރުގައި މިއަދު ގުނަން ފަށާ ތިން ވަނަ އަހަރަކީ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ރައްޔިތުންނަށް ފެނިގެންދާނެ އަހަރެއް ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރައީސް ޔާމީންގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ތަރައްގީގެ ދިގު އަތް ނުފޯރާ މީހުން ދިރިއުޅޭ ހިކިފަސްތަނެއް ރާއްޖޭގައި ނެތް ކަމަށާއި ސަރުކާރުގެ މެނިފެސްޓޯގައިވާ ވައުދުތައް ހާސިލު ކުރަމުންދަނީ އެވަގުތަކަށް ރައްޔިތުންނާ ގުޅިފައިވާ ކަންކަމަށް އިސްކަން ދީގެން ކަމަށެވެ.
"ފާއިތުވި ދެ އަހަރުގެ ތެރޭ ރައީސް އެންމެ ބޮޑަށް އިސްކަން ދެއްވީ ސީދާ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ދަތިތައް ހައްލު ކުރެއްވުމަށް،" ޓްވީޓާ މެދުވެރިކޮށް މުއާޒު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރު ފުރިނީ އިއްޔެ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ނޮވެމްބަރު 17، 2013 ގަ އެވެ.