ހޮލީވުޑް

އެމެރިކަން އަންޑަޑޯގް: ބިހައިންޑް ދަ ސީން ވިޑިއޯ ނެރެފި

ޒެކްރީ ލީވައިގެ އަލަށް ނެރޭ ފިލްމް "އެމެރިކަން އަންޑަޑޯގް: ދަ ކާޓް ވާނާ ސްޓޯރީ" ގެ އާ ބިހައިންޑް ދަ ސީން ވިޑިއޯތަކެއް އާންމު ކޮށްފި އެވެ.

މި ފިލްމަކީ މި އަހަރުގެ ޑިސެމްބަރު މަހު ނެރެން އުފައްދާ ފިލްމެކެވެ. އަދި މި ފިލްމުގައި ޒެކްރީ ލީވައިގެ އިތުރުން އަނާ ޕަކުއިން އަދި ޑެނިސް ކުއައިޑް ފަދަ މަޝްހޫރު ހޮލީވުޑް ތަރިން ފެނިގެން ދާނެ އެވެ.

ހަގީގީ ހާދިސާ ތަކަކަށް ނިސްބަތްކޮށް ހަދާ މި ފިލްމަކީ އެމެރިކާގެ މަޝްހޫރު ކުޅިވަރެއް ކަމަށްވާ އެމެރިކަން ފުޓުބޯޅައިން ގިނަ ބައެއްގެ މަގުބޫލު ކަން ހޯދާފައިވާ ކުއާޓާބެކް ކާޓް ވާނާގެ ކުޅިވަރުގެ ހަޔާތައް ނިސްބަތްކޮށް އުފައްދާ ފިލްމެވެ. މި ފިލްމުގައި އޭނާ އެމެރިކަން ފުޓުބޯޅައިގެ ތެރެއަށް ވަނތް ގޮތާއި މަޝްހޫރުވި ގޮތް ދައްކާލަ ދޭނެ އެވެ. އަދި ކުޅިވަރުގައި އޭނާއަށް ދިމާވި އުނދަގޫތަކާއި ކުރިމަތިވި ގޮންޖެހުންތައް ވެސް މި ފިލްމުގައި ހިމަނާނެ އެވެ.

ބިހައިންޑް ދަ ސީން ވިޑިއޯގައި ޒެކްރީ ލިވައި ރޯލް ކުޅެން ވީ ތައްޔާރީތަކާއި ފިލްމުގެ ޝޫޓިންގެ ތެރެއިން ގިނަ މަންޒަރު ތަކެއް ދައްކާލާފައި ވެއެވެ. އަދި ފިލްމުގެ ތެރެއިން ބައެއް މަންޒަރުތައް ވަނީ އެ ވިޑިއޯ ފީޗާގައި ހިމެނެ އެވެ.

"އެމެރިކަން އަންޑާޑޯގް" ގެ އޮފިޝަލް ޓްރެއިލާއެއް އަދި ނުނެރެ އެވެ. ފިލްމް ނެރެން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އަދި މި ފިލްމް ސިނަމާތަކުންނާއި ސްޓްރީމިންގް ސާވިސް ތަކުން ފެނިގެން ދާނެ އެވެ.