ޗިނޮންޔޭ ޗުކްވޫ ޑައިރެކްޓްކުރި "ޓިލް" ފިލްމަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށްފައިވާ ވަރަށް އަސަރުގަދަ ފިލްމެކެވެ. މި ފިލްމުން ދެނީ ނަސްލީތަފާތުކުރުންތަކާ ގުޅޭ ބާރުގަދަ މެސެޖެކެވެ.
މި ފިލްމް ނިއު ޔޯކް ފިލްމް ފެސްޓިވަލްގައި މިމަހުގެ އެއްވަނަ ދުވަހު ޕްރިމިއާ ކޮށްފައިވާއިރު ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
"ޓިލް" ބިނާކޮށްފައިވަނީ ޝިކާގޯގައި ދިރިއުޅުނު މަދަނީ ހައްގުތަކަށް މަސައްކަތް ކުރި އެކްޓިވިސްޓް މޭމީ ޓިލް އަށެވެ. 1955 ގައި މޭމީގެ 14 އަހަރުގެ ފިރިހެން ދަރިފުޅު އެމެޓް އޭނާގެ ދެބެންގެ ދެދަރި ކުދިންނާ ބައްދަލުކުރަން މަނީ، މިސިސިޕީއަށް ދެއެވެ.
މޭމީ ދަރިފުޅު ގާތު ޝިކާގޯ އާއި ދެކުނު ހިސާބުތަކުގައި އެންމެން އެއްގޮތް ނުވާނެ ކަމަށާއި ދޮންމީހުންނާ މެދު ސަމާލުވާން ނަސޭހަތްތެރިވެ އެވެ.
އެމެޓް، މިސިސިޕީގައި އާއިލާ ކުދިންނާއެކު ކޮޓަން ބިންނަން ހުއްޓާ ދައްކަ އެވެ. އެމެޓް ދޮން ނަސްލުގެ ކެރޮލީން ބްރާޔަންޓަށް ތުމުންފުމެލެމުން ކެރޮލީން އެކަމާ ނުރުހެ އެވެ.
މިކަމާ ގުޅިގެން ދޮންމީހުންގެ ބައިގަނޑެއް އެމެޓް ގައިގައި ތަޅާ އަނިޔާކޮށް މަރާލަ އެވެ. މި ފިލްމުގެ މައިގަނޑަކީ މޭމީ އޭނާގެ މައުސޫމު ދަރިފުޅަށް އިންސާފް ހޯދުމަށް ކުރާ މަސައްކަތެވެ. މިހާދިސާއާ ގުޅިގެން މުޅި އެމެރިކާގައި އެކި ނަސްލުގެ މީހުން ވަނީ މޭމީއާ އެއްބައިވެފަ އެވެ.
މި ފިލްމުގައި މޭމީ ޓިލްގެ ރޯލް އަދާކުރި ޑެނިއެލް ޑެޑްވައިލާ ވަނީ ހުރިހާ އިހުސާސްތަކެއް ވަރަށް ފުރިހަމައަށް ދައްކައިދީފަ އެވެ. މިހާ ތާރީހީ އަދި މޮޅު މީހެއްގެ ރޯލު އަދާކުރެވޭނީ ވަރަށް ހުނަރުވެރި އެކްޓަރަކަށެވެ.
މި ފިލްމުގައި ޑެނިއެލްގެ އިތުރުން އޮސްކާ އެވޯޑް ލިބިފައިވާ ވޫޕީ ގޯލްޑްބާގް، ފްރެންކީ ފައިޒަން، ހޭލީ ބެނެޓް ފަދަ ތަރިންވެސް ހިމެނެ އެވެ.
މި ފިލްމުގެ އެއް ޕްރޮޑިއުސަރު ބާބަރާ ބްރޮކްކޯލީ ބުނީ މި ފިލްމުގެ އިތުރު ޕްރޮޑިއުސަރެއް ކަމަށްވާ ކީތް ބޯޗޭމްޕްގެ މުޅި ހަޔާތް މި ވާހަކަ ދިރާސާކުރުމަށް ހޭދަކުރި ކަމަށެވެ. މުހިއްމު މެސެޖެއްދޭ މި ފިލްމު ބެލުމަށް ސިނަމާތަކަށް މީހުން ނުދާންވީ ސަބަބެއް ނެތް ކަމަށްވެސް ބުންޏެވެ.
"އެމެރިކާގައި ނަސްލީ ކަންތައްތައް މީގެ 20 އަހަރު ކުރިއާ ބަލާއިރު ގޯސްވެފައިވާ ކަމަށް އިހުސާސްކުރެވޭ. މީގެ ބޮޑުބަޔަކީ ޓްރަމްޕްގެ ސަބަބުންވީ ކަންކަން. އޭނާ ކުރި ކަންތައްތަކުން މީހުން މި ހާދިސާ ނުހިނގާ ކަމަށް ފާޅުގައި ބުނަންކެރޭ،" ބާބަރާ ބުންޏެވެ.
މި ފިލްމް އާންމުކޮށް ސިނަމާތަކުގައި އަޅުވާނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.