ހޮލީވުޑް

"ސްކުއިޑް ގޭމްސް"ގެ ޑައިރެކްޓަރު ބޭނުންވަނީ ހޮލީވުޑުން ލިއަނާޑޯ

އެމީ އެވޯޑް ލިބުނު "ސްކުއިޑް ގޭމްސް"ގެ ޑައިރެކްޓަރު ހްވަން ޑޮން ހްޔުކް ހޮލީވުޑުން އެ ސީރީޒް ކުޅެން އެންމެ ބޭނުންވަނީ ލިއަނާޑޯ ޑިކެޕްރިއޯ ކަމުގައި ބުނެފި އެވެ.

ސޯލްގައި ނެޓްފްލިކްސް އިން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޖާނަލިސްޓެއް އެއްވެސް ހޮލީވުޑްގެ ތަރިއަކު "ސްކުއިޑް ގޭމްސް"ގެ ދެވަނަ ސީޒަނަށް އަންނާނެތޯ ސުވާލުކުރުމުން، ހްވަން ބުނީ ދެވަނަ ސީޒަނަކަށް ނާންނާނެ ކަމަށާއި އެއީ ސީދާ ކޮރެއާގައި ބިނާކޮށްފައިވާ ފިލްމެއް ކަމަށެވެ. ނަމަވެސް ސީޒަން ތިނަކަށް ފަހަރެއްގައި ހޮލީވުޑް ތަރިއެއް އައުން އެކަށީގެންވާ ކަމަށާއި އޭނާ އެންމެ އެދެނީ ލިއަނާޑޯ ޑި ކެޕްރިއޯއަށް އެމީހަކު ވުމަށް ކަމަށްވެސް ހްވަން ބުންޏެވެ.

"ލިއަނާޑޯ ޑިކެޕްރިއޯ ބުނި އޭނާ އަކީ ސްކުއިޑް ގޭމްސްގެ ބޮޑު ފޭނެކޭ. ފަހަރެއްގައި ފުރުސަތު ލިބިއްޖިއްޔާ އޭނާ ގާތު އެހިދާނެ މި ގޭމްސް ގައި ބައިވެރިވާނަންތޯ،" ހްވަން ބުންޏެވެ.

"ސްކުއިޑް ގޭމްސް"ގެ ދެވަނަ ސީޒަންގެ ޝޫޓިން ކުރިއަށްވުރެ ބޮޑު ޕްރޮޑަކްޝަން ބަޖެޓަކާ އެކު 2023 ގައި ފެށޭނެ ކަމާއި އެ ރިލީޒްކުރާނީ 2024ގައި ކަމަށް ހްވަން ބުންޏެވެ.

އޮސްކާ އެވޯޑް ލިބިފައިވާ ހުނަރުވެރި އެކްޓަރެއް ކަމުގައިވާ ލިއަނާޑޯ ޑިކެޕްރިއޯ ވަނީ އެމީ އެވޯޑް ލިބުނު "ސްކުއިޑް ގޭމްސް"ގެ ލީޑް އެކްޓަރު ލީ ޖަން ޖޭއާ އެކު އެވޯޑް ހަފްލާއެއްގައި ސެލްފީއެއް ނަގައި، އިންސްތަގްރާމްގައި ހިއްސާކޮށްފަ އެވެ.