ފިނިޕޭޖް

ޓްރާންސްފޯމާސްގެ ހަތްވަނަ ފިލްމުގެ ޓްރޭލާ ރިލީޒްކޮށްފި

ޕެރަމައުންޓް ޕިކްޗާސް އިން "ޓްރާންސްފޯމާސް: ރައިޒް އޮފް ދަ ބީސްޓްސް"ގެ ފުރަތަމަ ޓްރޭލާ ރިލީޒްކޮށްފި އެވެ.

މިއީ މި ފްރެންޗައިޒްގެ ހަތްވަނަ ފިލްމެވެ. މި ފިލްމްގައި އާ ކެރެކްޓާސްތަކެއް ތައާރަފްކޮށްފައިވެ އެވެ.

މި ކެރެކްޓާތަކާއި ސްޓޯރީލައިން އިން އާ ޓްރިލޮޖީއެއް އުފެދޭނެ އެވެ. މި ފިލްމް ޑައިރެކްޓްކުރާނީ ސްޓީވަން ކެޕަލް ޖޫނިއާ އެވެ.

1990ގެ އަހަރުތަކުގައި ހަދަން ފެށި "ޓްރާންސްފޯމާސް: ރައިޒް އޮފް ދަ ބީސްޓްސް"ގައި ލީޑް ރޯލުން ފެނުނީ ރޭމޮސް އާއި ޑޮމިނީކް ފިޝްބެކް އެވެ.

އޮޕްޓިމަސް ޕްރައިމް އާއި ބަމްބަލްބީ ފަދަ ރޮބޮޓް ކެރެކްޓާސް މި ފިލްމުން ފެނިގެންދާނެތީ މި ފްރެންޗައިޒްގެ ފޭނުން އުފާކުރާނެ އެވެ.

ރޮބަޓްތަކަށް އަޑުއަޅާފައިވަނީ މިޝޭލް ޔޯ، ޕީޓާ ކަލަން، ރޮން ޕާލްމަން، ޕީޓާ ޑިންކްލާޖް އަދި ޕީޓް ޑޭވިޑްސަން އެވެ.

ކުރީގެ ރޮބަޓް ކެރެކްޓާސްގެ އިތުރުން، ބީސްޓް ވޯޒްގެ ސްޓޯރީލައިނަށް ބިނާކޮށް ޓްރާންސްފޯމާސް ފެކްޝަންތަކާއި ބައިވަރު އާ ކެރެކްޓާތައް ތައާރަފް ވެސް ކުރާނެ އެވެ. މީގެ ތެރޭގައި މެކްސިމަލްސް، ޕްރީޑަކޮންސް، ޓެރޯކޮންސް ފެކްޝަން ހިމެނެ އެވެ.

މި ފިލްމުގައި އެމެރިކާގެ ނިއުޔޯކްގެ ބްރޫކްލީނުން ޕެރޫގެ މާޗޫ ޕިޗޫ ވެސް ފެންނާނެ އެވެ.

"ޓްރާންސްފޯމާސް" ފްރެންޗައިޒްގެ ފުރަތަމަ ފަސް ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މައިކަލް ބޭ އެވެ. މީގެ ފުރަތަމަ ޓްރިލޮޖީގައި ސްޓޯރީލައިން ފޮލޯކޮށްފައިވަނީ ޝައާ ލަބޫފްގެ ކެރެކްޓާ އަށެވެ.

ފިލްމް ހަތަރަކާއި ފަހެއް ފޮލޯކޮށްފައިވަނީ މާކް ވޯލްބާގްގެ ކެރެކްޓާއަށެވެ. ފިލްމް ފަހެއް ކްރިޓިކަލީ އަދި ކޮމާޝަލީ ޕާފޯމް ނުކުރުމުން، މީގެ ހަވަނަ ފިލްމް ކުޑަ ސްކޭލެއްގައި ހަދަން ނިންމި އެވެ. އެހެންކަމުން ޓްރޭވިސް ނައިޓް ޑައިރެކްޓްކުރި ޕްރީކުއެލް "ބަމްބަލްބީ" މި ފްރެންޗައިޒްގެ އެންމެ ކުޑަ ބަޖެޓުން ހެދި އެވެ. ހަވަނަ ފިލްމަށް އެންމެ މަދުން ފައިސާ ލިބިފައިވާއިރު އެކަމަކު އެންމެ ރަނގަޅު ރިވިއު ލިބުނެވެ.'

އަންނަ އަހަރުގެ ޖޫން ނުވަވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ޓްރާންސްފޯމާސް: ރައިޒް އޮފް ދަ ބީސްޓްސް" އަކީ ރީބޫޓެއް އަދި "ބަމްބަލްބީ"ގެ ސިކުއެލް އެކެވެ.