ފިނިޕޭޖް

"ނޮސްފެރާތޫ"ގެ ރީމޭކަށް އާ ތަރިންތަކެއް

ބްރާމް ސްޓޯކާގެ "ޑްރެކިއުލާ" ވާހަކައަށް ބިނާކޮށް، ޖަރުމަންގައި 1922 ގައި "ނޮސްފެރާތޫ: އަ ސިމްފަނީ އޮފް ހޮރޯ"ގެ ނަމުގައި ފިލްމެއް ހެދި އެވެ. މި ފިލްމުގައި ވާހަކައިގެ ބައެއް ކަންތައްތައް ބަދަލުކޮށްފައިވެ އެވެ.

އޭގެފަހުން 1979 ވަނަ އަަހަރު "ނޮސްފެރާތޫ: ދަ ވެމްޕަޔާ" އިނގިރޭސި ބަހުންނާއި ޖަރުމަން ބަހުން ހެދި އެވެ.

މި ފިލްމް ކުރީ ފިލްމާ ނިމޭ ގޮތާއި ބައެއް ކަންތައްތައް ތަފާތެވެ. މި ފިލްމަކީ ފުދޭވަރަކަށް ކާމިޔާބު ފިލްމެކެވެ.

"ނޮސްފެރާތޫ: ދަ ވެމްޕަޔާ" ރިލީޒްކުރިތާ 43 އަހަރަށްފަހު، ރޮބަޓް އެގާސްގެ "ނޮސްފެރާތޫ" ވާޝަން ހެދުމަށް ތައްޔާރުވަމުން އެބަދެ އެވެ.

ފޯކަސް ފީޗާސް އިން ޕްރޮޑިއުސް ކުރާ މި ފިލްމްގައި ކައުންޓް ޑްރެކިއުލާގެ ރޯލް އަދާކުރުމަށް ބިލް ސްކާސްގާޑް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަންހެން ލީޑް ރޯލް އަދާކުރާނީ ޖޮނީ ޑެޕްގެ ދަރިފުޅު ލިލީ-ރޯޒް ޑެޕް އެވެ. އޭނާގެ ފިރިމީހާގެ ރޯލް އަދާކުރާނީ ކޮން އެކްޓަރެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މި ފިލްމް ހެދުމަށް ރޮބަޓް އެގާސް 2017 ވަނަ އަހަރުން ފެށިގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އޭރު ފިލްމަށް ހަމަޖެއްސީ އާންޔާ ޓޭލާ-ޖޯއި އާއި ހެރީ ސްޓައިލްސް އެވެ. ނަމަވެސް ބަޖެޓްގެ ކަންތައްތައް ހަމަޖެހެންދެން އެ ޕްރޮޖެކްޓް ފަސްކޮށްފައި އެގާސް "ދަ ނޯތްމެން" ފަދަ އެހެން ޕްރޮޖެކްޓްތަކަށް ސަމާލުކަން ދިނީ އެވެ. ދެން މި ފިލްމް އަލުން ހެދުމުގެ މަސައްކަތް ފަށަން ބެލިއިރު، ދެ ތަރިންގެ ޝެޑިއުލް ދިމާނުވެގެން، އެހެން ތަރިން ހޯދީ އެވެ. މި ފިލްމް ރިލީޒްކުރާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ބިލް ސްކާސްގާޑަކީ "ބާބޭރިއަން" އާއި "އިޓް" ފަދަ ފިލްމް ކުޅެފައިވާ ތަރިއެކެވެ. ލިލީ-ރޯޒް ޑެޕް އެންމެ ފަހުން ފެނިފައިވަނީ "ސައިލަންޓް ނައިޓް" ގައެވެ.